ޚަބަރު

ޖަރުމަނުވިލާތުން ރާއްޖެއަށް 100،000 އަށްވުރެ ގިނަ ފަތުރުވެރިން


  • ޖަރުމަނުވިލާތަކީ މިހާރު 5 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމު

  • މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިންވަނީ ރާއްޖެ އައިސްފައި

އަހަރުގެ މިހާތަނަށް ޖަރުމަނުވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ވަނަ ގައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތުން ރާއްޖެއަށް 100،546 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިއަހަރު ރާއްޖެ އައި ފަތުރުވެރިންގެ %6.9 އެވެ.

މިއަހަރުގެ މިހާތަނަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ޤައުމުތައް:

* ޗައިނާ: 230،374 ފަތުރުވެރިން
* ރަޝިއާ: 174،434 ފަތުރުވެރިން
* އިނގިރޭސިވިލާތް: 132،732 ފަތުރުވެރިން
* އިޓަލީވިލާތް: 105،379 ފަތުރުވެރިން
* ޖަރުމަނުވިލާތް: 100،546 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،463،566 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.2 އިތުރު އަދަދެކެވެ.

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލް ވަނީ ޖުލައި މަހު ހުޅުވާފައެވެ. މިއީ އަހަރަކު 7.5 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.