ޚަބަރު

އޮގަސްޓްމަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު %9 އިތުރު


  • އޮގަސްޓްމަހު 192،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވޭ

  • މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން އައިސްފައިވޭ

އޮގަސްޓް މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %9 އިތުރުވެއްޖެއެވެ. އޮގަސްޓް މަހު ރާއްޖެއަށް 192،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓް މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ހުސްވި 3 މަހާއި އަޅާބަލާއިރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އޮގަސްޓް މަހު ރާއްޖެ އައިސްފައިވަނީ 192،058 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު %9 އިތުރު އަދަދެކެވެ. މިއަހަރުގެ އޮގަސްޓް މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،195 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއަށް 1،486،926 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.4 އިތުރު އަދަދެކެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުތައް:

* ޗައިނާ: 235،245 ފަތުރުވެރިން
* ރަޝިއާ: 177،581 ފަތުރުވެރިން
* އިނގިރޭސިވިލާތް: 134،114 ފަތުރުވެރިން
* އިޓަލީވިލާތް: 106،230 ފަތުރުވެރިން
* ޖަރުމަނުވިލާތް: 102،496 ފަތުރުވެރިން

ފުރަތަމަ 8 މަސްދުވަހު ރާއްޖެއައި ފަތުރުވެރިންގެ %73.4 ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. %21.9 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އަދި %2.6 ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ހޮޓެލްތަކުގައެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 1250 ތަނެއް އޮޕަރޭޝަންގައި އެބަހުއްޓެވެ. އެއީ މުޅި ޖުމްލަ 64،394 އެނދެވެ.

ސަރުކާރުން މިއަހަރު އަމާޒުހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. އަދި މި އަމާޒު އަހަރު ނިމުމުގެ ކުރިން ހާސިލްވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.