ޚަބަރު

ޗައިނާ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި


  • ރައީސްވަނީ އެސްސީއޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައި

  • ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސާވެސް ބައްދަލުކުރެއްވި

  • މިދަތުރުފުޅުގެ ތެރެއިން ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބަސްވުންތަކުގައި ސޮއިކުރެވުނު

ޗައިނާގެ ރައީސް، ޝީ ޖިންޕިންގގެ ދަޢުވަތަކަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެވަޑައިގެންފިއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެންް ޤައުމުތަކުގެ ހެޑް އޮފް ސްޓޭޓުންނާއި މަންދޫބުންނާއެކު އެސްސީއޯ ޕްލަަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ރައީސް، ޝީ ޖިންޕިންގއާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުން ހިއްސާކުރާ، މަސްލަހަތު ހިމެނޭ ކަންކަމާއެކު ކުރިއަށްވަޑައިގަންނަވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

މިސަމިޓުގެ ހަވާސާގައި ކުރިއަށް ގެންދިޔަ ބައިލެޓެރަލް ބައްދަލުވުންތަކުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެހެން ޤައުމުތަކުގެ ވެރިންނާއި ބައްދަލުކުރައްވައި، ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާ ކުރެއްވުމާއި، ގުޅިގެން މަސައްކަތްކުރެއްވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި މަޝްވަރާކުރައްވާފައެވެ.

މިދަތުރުފުޅުގައި، ޤައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލްވުމުގެ ގޮތުން، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކިދާއިރާތަކުން އެއްބާރުލުންދިނުމާ ބެހޭ ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މީގެއިތުރުން ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަގާމާއި ހަވާލުވެވަޑައިގެންނެވިފަހުން، ޗައިނާއަށް ކުރެއްވި ރަސްމީ ދެވަނަ ދަތުރުފުޅެވެ. އަދި، އެމަނިކުފާނުގެ މިދަތުރުފުޅަކީ ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.