މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ހަވާލުވެފައިވާ ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓްތަކުގެ ހާލަތު ދެނެގަނެ, ހަރުދަނާކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފިއެވެ. އެމްއޭސީއެލްގެ ދަށަށް ރީޖަނަލް އެއަރޕޯޓްސްގެ ދަށުން ބަލަހައްޓަމުން އައި އެއަރޕޯޓްތައް ބަދަލުކުރުމުގެކުރިން، އެމްއޭސިއެލުން ބަލަހައްޓަމުން އައިސްފަވަނީ ވެލަނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެކަންޏެވެ.
އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އިސްކޮށް ހުންނަވައިގެން ފެއްޓެވި މި މަސައްކަތުގެ ދަށުން އެމްއޭސީއެލް އިން އަލަށް ހަވާލުވެފައިވާ ނުވަ ޑޮމެސްޓިކް އެއާޕޯޓަށް، ކުންފުނީގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ޒިޔާރަތްކޮށް, އެއާޕޯޓްތަކުގެ ހާލަތު ބަލައި ދެނެގަނެ, ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންކަން ފާހަގަކުރާނެއެވެ.
އެގޮތުން އެމްއޭސީއެލްގެ އެކްސްކޯގެ ބޭފުޅުންނާއި ޓެކްނިކަލް ޓީމުން ވަނީ މިދިޔަ ހަފުތާ ތެރޭގައި ފުވައްމުލައް އެއާޕޯޓަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލާ, އެއާޕޯޓުގައި މަސައްކަތްކުރާ މުވައްޒަފުންނާ ވެސް ބައްދަލުކޮށްފައެވެ. އަދި އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމާއި، ގެންނަން ބޭނުންވާ ބަދަލުތަކާ ގުޅޭގޮތުން ކަމާ ގުޅުންހުރި ފަރާތްތަކާއެކު ވަނީ މަޝްވަރާކޮށްފައެވެ.
ޑޮމެސްޓިކް އެއަރޕޯޓުތައް ހިންގަމުން އައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އާރުއޭސީއެލް އާއި އެމްއޭސީއެލް އެއްކޮށްލުމަށް ސަރުކާރުން ނިންމެވި ނިންމެވުމާއެކު އާރުއޭސީއެލް އިން ހިންގަމުން އައި ނުވަ އެއާޕޯޓެއްގެ އޮޕަރޭޝަންއާ އެމްއޭސީއެލް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި ހަވާލުވެފައެވެ. މިއީ އަތޮޅުތަކުގެ ޑޮމެސްޓިކް އެއަރޕޯޓްތައް ބަލަހައްޓަން ހަވާލުވި ފުރަތަމަ ފަހަރެވެ.
މީގެއިތުރުން ސަރުކާރުން އަލަށް ތަރައްޤިކުރާ ބައެއް އެއަރޕޯޓްތަކުގެ މަސައްކަތްވެސް އެމްއޭސީއެލްގެ ބެލުމުގެ ދަށުން ކުރިއަށްގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ފައިނުގައި ތަރައްޤީކުރާ އެއަރޕޯޓްގެ މަސައްކަތްތައްވެސް ކުރިއަށްދާނީ އެމްއޭސީއެލްގެ ބެލުމުގެދަށުންނެވެ.
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.