ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާއި ޖޯޒީ ހަވާލުކޮށްފިއެވެ.
ޖޯޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވީ ހެންވޭރު ބޯޅަގޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސްގައެވެ.
ސެޕްޓެމްބަރު 17-20 އަށް މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގައި އޮންނަ ސްޕެޝަލް އޮލިމްޕިކްސް އޭޝިއާ ޕެސިފިކް ރީޖަނަލް ބެޑްމިންޓަން މުބާރާތުގައި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ ފަރާތުން ބައިވެރިވާ އެތުލީޓުންނާއި ޖާޒީ ހަވާލުކޮށްދެއްވީ ކުޅިވަރު ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމިރެވެ.
މި މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަކީ މުޙައްމަދު ރާއިފު ޝަރީފް، މުހައްމަދު ޖުމާން އަޙްމަދު، އިބްރާހިމް ރަބީތް، އައިމިނަތު ރައިޝާ އަލީ، އަމްނާ އަހުމަދު އަބްދުالله އަދި އައިޝަތު މާނިޔާ އާދަމް އެވެ. މީގެ ތެރެއިން މާނިޔާއަކީ 2023 ވަނަ އަހަރު ބާލިންގައި ބޭއްވި ސްޕެޝަލް އޮލިމްޕިކްސް ވޯލްޑް ގޭމްސްއިން ރާއްޖެއަށް ރަން މެޑަލް ހޯދައިދީފައިވާ އެތުލީޓެކެވެ. މި އެތުލީޓުންނާއެކު ޔުނިފައިޑް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވަނީ މަރިޔަމް އީނާސް އިލްޔާސް އާއި މުޙައްމަދު އަލޫފް ރާފިއުއެވެ.
މީގެތެރެއިން އީނާސް އަދި އަލޫފް އަކީ އޭދަފުށި ރިވައިވަލްގެ އެތުލީޓުންނެވެ. ރައިޝާ އަކީ ޅ. ނައިފަރުގެ އެތުލީޓެކެވެ.
ރާއްޖޭގެ އެތުލީޓުންނާއެކު ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ބައިވެރިވަނީ މޫސާ ޒަމީރެވެ. ހެޑް ކޯޗަކީ ރިޝްވާން ޝިޔާމެވެ. އަދި ކޯޗު އައިމިނަތު ޝަހުރުހުނާޒް މޫސާ މި އެތުލީޓުންނާއެކު މެލޭޝިއާއަށް ދާނެއެވެ.
ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާމިރު ވަނީ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން ރާއްޖެ ތަމްސީލުކުރުމުގައި ސްޕެޝަލް އޮލިމްޕިކްސް އެތުލީޓުން އެހެން ގައުމުތަކަށް ނަމޫނާ ދެއްކުމަށް އެދިވަޑައިގެންފައެވެ.
ހެޑް އޮފް ޑެލިގޭޝަން މޫސާ ޒަމީރު ބުނީ މިފަހަރު މި ދަނީ ބައެއް އައު އެތުލީޓުންނާއެކުގައި ކަމަށާއި ރަނގަޅު ކާމިޔާބީއެއް ރާއްޖެއަށް ހޯދޭނެ ކަމަށް ގަބޫލުކުރާކަމަށެވެ. އަދި މި އެތުލީޓުން މި މުބާރާތަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާކަމަށެވެ.