ޚަބަރު

އެސްޑީއެފްސީގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ފާރިހަތު


  • އޭނާ ވަނީ މާސްޓަރ އޮފް އިންޓަރނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައި

  • ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ވަނީ ހޯދަވާފައި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ އޮޕަރޭޝަންސް ޑައިރެކްޓަރުގެ މަގާމަށް ފާޠިމަތު ފާރިހަތު ވަޙީދު އައްޔަންކޮށްފިއެވެ.

އޮޕަރޭޝަންސް ޑައިރެކްޓަރުގެ ހައިސިއްޔަތުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން، ޕްރޮކިއުމަންޓް، ހިއުމަން ރިސޯސަސްގެ އިތުރުން މާކެޓިންގ އާއި ބިޒްނަސް ޑިވެލޮޕްމަންޓް އަދި އިންފޮމޭޝަން ސިސްޓަމްސް ޑިޕާޓްމަންޓްތައް ފާރިހަތު ބަލަހައްޓަވާނެކަމަށް އެސްޑީއެފްސީން ވަނީ ވިދާޅުވެފައެވެ.

ފަރިހަތު މި މަގާމާއި ހަވާލުވެވަޑައިގެންނެވުމާއި ގުޅިގެން އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ ބަދުރުއްދީން ހަސަން ވިދާޅުވީ، ފައިނޭންޝަލް ސަރވިސަސް، ސްޓްރެޓެޖިކް ޗޭންޖް މެނޭޖްމަންޓް، އަދި މުހިންމު ޕާޓްނަރޝިޕްތައް ބެލެހެއްޓުމުގައި ފާރިހަތު ހޯއްދަވާފައިވާ ތަޖުރިބާއިން އެ ކުންފުނީގެ އޮޕަރޭޝަންސް އިތުރަށް ހަރުދަނާކޮށް، ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އެ ކުންފުނިން ފޯރުކޮށްދޭ އެހީތެރިކަން އިތުރުކުރުމަށް ވަރަށް މުހިންމު ދައުރެއް އަދާކުރާނެކަމަށް ގަބޫލުކުރެވޭކަމަށެވެ.

އެސްޑީއެފްސީއާ ގުޅިވަޑައިގަތުމުގެ ކުރިން، ފާރިހަތު ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ހެޑް އޮފް ކާޑު ނެޓްވާރކްސް އެންޑް ސްޓްރެޓެޖިކް ޕާޓްނަރޝިޕްސްގެ މަގާމު ފުރުއްވާފައެވެ. ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާގައި 19 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފާރިހަތު ވަނީ، ހެޑް އޮފް ކާޑު ޕޭމަންޓްސް އެންޑް ގަވަރނަންސް އަދި ހެޑް އޮފް ސްޓްރެޓެޖީ އެންޑް ޗޭންޖް ފަދަ އިސް މަގާމުތައް ފުރުއްވާފައެވެ.

ފާރިހަތު ވަނީ މޮނާޝް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް އިންޓަރނޭޝަނަލް ބިޒްނަސް ހާސިލުކުރައްވާފައެވެ. އަދި އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓަޑް ބޭންކަރސްއިން ޗާޓަޑް ބޭންކަރ ޕްރޮފެޝަނަލް ކޮލިފިކޭޝަންވެސް ހާސިލުކުރައްވާފައިވެއެވެ.