ދިވެހިރާއްޖޭގެ 20 އަހަރުގެ ކުރިމަގު ބިނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވާ، ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުން، މިއަދު ތިލަދުންމަތީގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މިސައްލާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ.ހޯރަފުށީގައި، ހުންނަ އަތޮޅު މަދަރުސާގައެވެ. ވިލުންތެރި ރާއްޖެ ޓީމުން ވިދާޅުވީ ތިލަދުންމަތީގައި މިއަދު ފަށާ ކުރިމަގު ސައްލާތައް ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހާ ރަށެއްގައި މިމަހުގެ ނިޔަލަށް ކުރިއަށް ގެންދަން ތާވަލުކޮށްފައިވާކަމަށެވެ.
ކުރިމަގު ސައްލާ ބައްދަލުވުމަކީ ރަށުގެ ކުދިބޮޑު ހުރިހާ ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، އަދި ހުރިހާ ދާއިރާއަކަށް ދައުވަތު އަރުވައިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މިބައްދަލުވުންތައް އޮންނާނެ ދުވަހާއި ތަނާއި ގަޑީގެ ތަފްޞީލްތައް އެރަށެއްގެ ކައުންސިލްގެ ފަރާތުންނާއި، ވިލުންތެރި ރާއްޖެ ޓީމުން އިޢުލާނުކުރާނެކަމަށް އެޓީމުން ވިދާޅުވެއެވެ.
ކުރިމަގު ސައްލާ އަކީ ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުން ތަޞައްވުރު ކުރާ ގޮތް ހޯދުމަށް ވިލުންތެރި ރާއްޖެ 2045 ގެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާ ރަށު ބައްދަލުވުން ތަކެކެވެ. މި ބައްދަލުވުންތަކުގެ އަޖުމަބެލުމުގެ ބައެއް ބައްދަލުވުންތައް މާލެ އަތޮޅުގައި ކުރިއަށްގެންގޮސްފައިވެއެވެ.
މިމަޝްރޫޢުގައި ހިމެނުމަށް ބޭނުންވާ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ކުރަން ފަށާ މި ދަތުރުތަކުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވިލުންތެރި ރާއްޖެ ޓީމުތަކުން ދަތުރުކުރުމަށް ވަނީ ރާވާފައެވެ. މި މަސައްކަތުގައި އަތޮޅުތަކުގައި 10 ޓީމު ހަރަކާތްތެރިވާނެއެވެ.
އަދި މިބައްދަލުކުރުންތަކުގައި ބައިވެރިވެ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަށު އަދި އަތޮޅު ކައުންސިލްތަކަށާއި, ރަށުގައި ޤާއިމްކޮށްފައިވާ ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، އާންމު ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ފުރުޞަތު އޮންނާނެއެވެ.
ބައްދަލުވުންތައް އަންނަ މަހުގެ ތެރޭގައި ނިންމާލުމަކީ ވިލުންތެރި ރާއްޖެ ޓީމުގެ ޢަމާޒެކެވެ. މި މަސައްކަތް ކުރިއަށްގެންދަނީ ރައީސް އޮފީހާއި، ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއާއި ގުޅިގެން، އަމިއްލަ ކޮންސަލްޓަންސީ ފާމަކާ ހަވާލުކޮށްގެންނެވެ. އެޓީމުން ހާމަކޮށްފައިވާގޮތުގައި މިޕްލޭންގެ މަޢުލޫމާތު އެއްކޮށް ނިމި، އަންނަ ޖެނުއަރީ މަހު ޕްލޭން ލޯންޗް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ޕްލޭނަށް އާއްމުންގެ ރުހުން ހޯދުމުގެ ބައެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، މުޅި ޕްލޭންގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރެއަށް ނިންމާނެއެވެ.