ޚަބަރު

ޚިދުމަތުގައި ކުރިއަރައި ދިއުމުގެ ފުރުސަތު އަންހެން ފުލުހުންނަށްވަނީ ފަހިވެފައި: ސީޕީ


  • ސީޕީ ވިދާޅުވީ އިޖްތިމަޢީ ދާއިރާއިން ކުރާ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު ބޮޑުކަމަށް

  • މިއަހަދަކީ "މޯލްޑިވްސް ވުމަން އިން ޕޮލިސިން ޑޭ"

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންނަށް ހަމަހަމަ ފުރުޞަތު ޤާއިމުކޮށްދީ، ޚިދުމަތުގައި ކުރިއަރާ ދިއުމުގެ ފުރުޞަތުތައް ފުރިހަމައަށް ފަހިކޮށްދެއްވުމުގައި ދެމިތިބޭނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެން ފުލުހުންގެ ދުވަސް "މޯލްޑިވްސް ވުމަން އިން ޕޮލިސިން ޑޭ"ގެ މުނާސަބަތުގައި އާންމުކުރެއްވި މެސެޖެއްގައެވެ.

ސީޕީ ވިދާޅުވީ ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއްކަމަށާއި އެކަން ފަޚުރުވެރިކަމާއެކު ފާހަގަކުރައްވާކަމަށެވެ. އަންހެން ފުލުހުންގެ ހިތްވަރާއި މަސައްކަތްތަކަށް ބަހައްޓާ ޝަޢުގުވެރިކަމާއި ފަރުވާތެރިކަމަކީ، ފުލުހުންގެ މުޅި ޚިދުމަތަށް ލިބޭ ބަދަހިކަމެއްކަމަށެވެ.

ޚާއްސަކޮށް އާއްމު އިޖްތިމާޢީ ދާއިރާއިން ފުލުހުންގެ ޚިދުމަތުގައި ކުރީ ސަފުގައި އަންހެން ފުލުހުން އަދާކުރާ މުހިންމު ދަޢުރު ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ. މިއީ މުޖުތަމަޢުގެ ހުރިހާ ގިންތިއެއްގެ މީހުންނަށް ވާސިލުވެ، ރައްކާތެރިކަމާއި ހަމަހަމަކަމާއެކު ފަރުދުންނަށް ޚިދުމަތްކުރުމުގެ ވަރަށް މުހިންމު ދަޢުރެއްކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގައި އަންހެން ފުލުހުންގެ ދަޢުރު މިއަދު ފާހަގަކުރަމުންދާއިރު، ފުލުހުންގެ ޚިދުމަތުން ދެއްވާ ޔަގީންކަމަކީ ފުލުހުންގެ ޚިދުމަތުގެ ކޮންމެ ދާއިރާއެއްގައިވެސް މަސައްކަތްކުރުމުގެ ހަމަހަމަ ފުރުޞަތު އަންހެން ފުލުހުންނަށް ލިބިގެންދާނެކަމުގެ ޔަގީންކަންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ. އަދި އަންހެން ފުލުހުންގެ ކުރިއެރުމާ، ލީޑަޝިޕްގެ މަޤާމުތަކަށް ވާސިލްވެވޭނެ މަގު ތަނަވަސްކޮށްދީ، އެ ފުރުޞަތުތައް ހަމަހަމަކަމާއެކު ފަހިވެފަވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައިވަނީ، ރައްޔިތުންނަށް ރައްކާތެރިކަން ހޯދައިދީ އިތުބާރު ދަމަހައްޓައި އިންސާފަށް ވާސިލުވުމުގެ ބޮޑު ޒިންމާއަށްކަމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.