ބެޑްމިންޓަން އެކެޑަމީ އޮފް ނައިފަރުގެ 11 ކުޅުންތެރިން އިންޑިއާގެ މަޝްހޫރު ޕަޑްކޯން ސުކޫލް އޮފް ބެޑްމިންޓަންގައި ހައި ޕާފޯމަންސް ޓްރޭނިން ހެދުމަށް ހިނގައްޖެއެވެ.
އެކެޑަމީގެ 11 ކުޅުންތެރިންނާއި އޮފިޝަލުންގެ ގޮތުގައި 3 ކޯޗުން މި ދަތުރުގައި ބައިވެރިވާއިރު މީގެ ތެރޭގައި ދާދިފަހުން ރާއްޖޭގެ ޖޫނިއާ ގައުމީ ސްކޮޑަށް އަދި ސީނިއާ ގައުމީ ސްކޮޑަށް ހޮވުނު ކުޅުންތެރިންވެސް ހިމެނެއެވެ.
އިންޑިއާގެ އެންމެ މަތީ ފަންތީގެ ބެޑްމިންޓަން ކުޅުންތެރިންވެސް ތަމްރީނު ހަދަމުން އަންނަ ޕަޑްކޯން އެކަޑަމީއަށް ދިޔަ ކުޅުންތެރިންނަކީ އިބްރާހިމް ނާޝިތު ހަމްދީ، ޔޫނުސް ކައިފް މުހައްމަދު، ކައިސް ބިން ހާމިދު، ރަހުކް ޒަކަރިއްޔާ ރިމްޒާން، ހުސެއިން މިސްކު މުހައްމަދު، އިބްރާހިމް ޝުޖާއު އަޝްރަފް، އައިމިނަތު އައިނީ އަޝްރަފް، އައިމިނަތު ނައުރާ ޝަރުވަތު، ޔަޒާން ޔާސިރު މުހައްމަދު، ސާރާ އައިނީ މުހައްމަދު އަދި ޔޫސުފް އަކިޔަސް އަސްރަފްއެވެ.
މި ކުޅުންތެރިންނަކީ ދާދިފަހުން ބޭއްވި ނައިފަރު އޯޕަން ބެޑްމިންޓަން މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފައިވާ ކުޅުންތެރިންނެވެ. އަދި މީގެ ތެރެއިން ނާޝިތަކީ ރާއްޖޭގެ ޖޫނިއާރ އަދި ސީނިއާ ބެޑްމިންޓަން ސްކޮޑުން ދާދިފަހުން ޖާގަ ހޯދާފައިވާ ކުޅުންތެރިއެކެވެ. އަދި ކައިފްވެސް ވަނީ ޖޫނިއާރ ގައުމީ ސްކޮޑުން ޖާގަހޯދާފައެވެ.
މި ޓްރޭނިންގ ކޭމްޕާއި ގުޅޭ މައުލޫމާތު ޕީއެސްއެމް ނިއުސްއާއި ހިއްސާކުރަމުން ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރުގެ އެކްޓިވިޓީ މެނޭޖަރ ޝަރުވަތު އިބްރާހިމު ބުނީ މިއީ އެ އެކަޑަމީގެ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ރަނގަޅު ތަޖްރިބާއަކަށް ވާނެ ކަމަށެވެ. “ޕަޑްކޯން އެކަޑަމީއަކީ އިންޑިއާގެ ނަމްބަރ 1 އެކަޑަމީ. އިންޑިާގެ ވޯލްޑް ރޭންކިންގެ ކުދިންވެސް ތަމްރީމު ހަދަމުން އަންނަ ސެންޓަރު އެއީ. އެހެންވީމަ އަޅުގަނޑުމެންގެ ކުދިންނަށް އެތަނުގައި ކުދިން ހައިޕާފޯމެންސް ޓްރޭނިން ހަދާގޮތާއި، އެ ޓްރޭނިންތައް ލިބޭނެ” ޝަރުވަތު ބުންޏެވެ.
މިއީ ތަފާތު ތަޖުރިބާއަކަށްވާނެ ކަމަށާއި، ކޭމްޕްގައި ބައިވެރިވާ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް މުހިންމު ތަމްރީނުތަކެއް މި ކުޅުންތެރިން އިންޑިއާގައި ހަދާނެ ކަމަށްވެސް ޝަރުވަތު ބުންޏެވެ. އޭނާ ބުނީ މިއީ 7 ދުވަހުގެ ޓްރޭނިންއެއް ކަމަށާއި، މިއީ ނައިފަރުގެ އެކިއެކި ފަރާތްތަކުގެ ދީލަތި އެހީއާއި ބެލެނިވެރިންގެ އެހީގައި އެ އެކަޑަމީގެ ކުދިންނަށް ހޯދައިދިން ފުރުސަތެއްކަމަށެވެ. އެހެންކަމުން މި ދަތުރުގެ ބައިވެރިން ސްޕޮންސަރ ކޮށްދެއްވާ ދަތުރުގެ އެންމެހާ ކަންކަން ހަމަޖައްސައިިނުމުގައި އެހީތެރިވި ފަރާތްތަށް ޝުކުރު އަދާކުރާކަމަށެވެ.