މުލަކަތޮޅު މުލަކުގައި މި އަހަރުގެތެރޭގައި 50 ހައުސިން ޔުނިޓްގެ ޢަމަލީ މަސައްކަތް ފައްޓަވާނެކަމަށާއި، އޭގެއިތުރުންވެސް ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ހިންގަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މުލަކަތޮޅު މުލީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަޢުދުތަކާ އަދި ރަށުގެ ރައްޔިތުންނާ އެންމެ ފަހުން ބައްދަލުކުރައްވާ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ. އަދި މުލަކަކީ މަސްވެރި ރަށަކަށްވުމާއެކު، އެ ދާއިރާއިން ގިނަ މަސައްކަތަކެއް ރާއްވަވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން ބޭރުގެ ހިލޭ އެހީގައި މުލަކުގައި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލަކުގައި އައިސް ޕްލާންޓެއް ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށާ، ކައުންސިލުން އެކަމުގެ ބިން ހަމަޖެއްސެވުމާއެކު މަސައްކަތް ފައްޓަވާނެކަމަށެވެ. އަދި އެ ރަށާއި، އެ ސަރަޙައްދުގެ މަސްވެރިންނަށް ތެޔޮ ލިބުމުގައި ދިމާވަ ދަތިކަން ޙައްލުކުރުމަށް، އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމަށް، އެކަމަށް ހާއްސަ ފެސިލިޓީއެއްގެ މަސައްކަތް ނިންމާ އަންނަ އަހަރު ކުރީކޮޅު ޚިދުމަތް ފައްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މުލަކު ބަނދަރު 1400 ފޫޓަށް ބޮޑުކުރުމުގެ މަޝްރޫޢު ފެށިފައިވާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ރަށުގެ އުތުރުފަރާތުގައި ޖެޓީއެއްވެސް ހަދައިދެއްވާނެކަމަށެވެ. އަދި ރަށުގެ ގިރާ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫޢު ފެށުމަށްވެސް، ތައްޔާރުވަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.
"ރަށުގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތްވެސް، ކުރިއަށް މިއޮތް 4 މަސްދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމުގެ ޔަގީންކަން ދެން. ސިއްޙީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އިމާރާތުގެ މަސައްކަތްވެސް މިފެށެނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ރަށުގައި ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަށް، މިއަހަރު މަސައްކަތްތައް ފައްޓަވާނެކަމަށްވެސް ވިދާޅުވެފައެވެ.
"މިއަހަރު ޢަމަލީގޮތުން މަސައްކަތް ފަށާނަން 50 ހައުސިން ޔުނިޓްގެ މަސައްކަތް. މިއީ ފެށުމެއް. މި ދާއިރާގެ އިތުރު މަޝްރޫޢުތައް ރަށަށް އަންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުލަކުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ކުރިއަށް އޮތް 4 މަސް ދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށެވެ. މީގެއިތުރުން ރޭގަނޑު ކުޅިވަރު ކުޅެވޭގޮތަށް ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމުގެ އިތުރުން ކަނބަލުންނަށް ޚާއްސަކޮށް ހޭންޑްބޯލް ކޯޓެއް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ތެރޭގައި ފައްޓަވާނޭކަމަށް ރައީސް ވިދާޅުވިއެވެ. މީގެއިތުރުން ކަރަންޓުގެ މައްސަލަ ޙައްލުކުރުމާއި ސްކޫލްގައި މިހާރު ހަދަމުންދާ އެކްސްޓެންޝަން އިމާރާތްވެސް އަންނަ ދިރާސީ އަހަރުގެ ކުރިން ނިންމައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތަށް ވެހިކަލް ހޯދުމާއި ރަށުގެ ސިއްޙީ މަރުކަޒަށް އެމްބިއުލާންސްއެއްވެސް މިއަހަރުގެތެރޭގައި އިތުރުކޮށްދެއްވާނެކަމަށެވެ.
މުލަކު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވަނީ އެ ރަށުގައި ޤާއިމުކުރާ 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މުލަކުގައި ޤާއިމުކުރާ 30 ޓަނުގެ އައިސް ޕްލާންޓުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި، ތުރީ ވޭ އެންޓަރޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރ ޑޮކްޓަރ އިކްލީލް ޝަރީފެވެ.