މިމަހުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.8 އިންސައްތަ އިތުރު އަދަދެެއްކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.6 އިތުރު އަދަދެކެވެ.
ސެޕްޓެމްބަރުމަހުގެ ފުރަތަމަ 21 ދުވަހު ރާއްޖެއަށް 102،125 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 90،548 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %12.8 އިތުރުވުމެކެވެ.
* ޗައިނާ: 252،384 ފަތުރުވެރިން
* ރަޝިއާ: 192،220 ފަތުރުވެރިން
* އިނގިރޭސިވިލާތް: 141،874 ފަތުރުވެރިން
* އިޓަލީވިލާތް: 110،433 ފަތުރުވެރިން
* ޖަރުމަނުވިލާތް: 110،388 ފަތުރުވެރިން
ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6000 އެއްހާ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1.1 މިލިޔަން ފަތުރުވެރިންނެވެ. މިއީ ރާއްޖެއައި ފަތުރުވެރިންގެ %73.5 އެވެ.
2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 346،293 ފަތުރުވެރިންނެވެ. މިއީ މި މުއްދަތުގެ ތެރޭގައި ރާއްޖެއައި ފަތުރުވެރިންގެ %21.8އެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1270 ތަނެއް ވަނީ ހުޅުވާފައެވެ. މިއީ މުޅި ޖުމްލަ 64،629 އެނދެވެ.
ސަރުކާރުން އަމާޒުހިފާފައި ވަނީ މިއަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މި އަމާޒު ހާސިލްކުރުމަށް ދެން އިތުރަށް ބޭނުންވަނީ 8 ލައްކަ ފަތުރުވެރިންނެވެ.