ޚަބަރު

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ބުރުނީގައި ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓެއް ހިންގައިދޭނަން: ރައީސް


  • ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައި

އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތ.ބުރުނީގައި 30 ހައުސިން ޔުނިޓް އިމާރާތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބުރުނީ ރައްޔިތުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ލުއި ލޯނު ދޫކުރުމާއި، އަމިއްލަ ގޯތި ގެދޮރުގައި ގެ އަޅައިދިނުމުގެ މަޝްރޫޢުތަކާއި ރޯހައުސްއާއި ފްލެޓް އަޅައިދިނުމުގެ މަސައްކަތްތައް ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ ބުރުނީގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ އެބައޮތްކަމަށާއި އެކަމަށް ޙައްލު ގެނައުމަށް، އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން މަސައްކަތްކޮށްދެއްވާނެކަމަށެވެ.

"ކައުންސިލާ ރައްޔިތުންގެ ޚިޔާލާއެކު ނިންމާގޮތަކަށް، އަންނަ އަހަރު 30 ހައުސިން ޔުނިޓް ބުރުނީގައި އެޅުމުގެ މަސައްކަތް ފަށާނަން. އަމިއްލަ ގޯތީގަތޯ ނޫނީ ރަށުގެ ވަކި ސަރަހައްދެއްގަ އަޅާނީ، އެކަން ނިންމުމުގެ ފުރުޞަތު ރައްޔިތުންނަށް އެބައޮތް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށު ކައުންސިލުން އެދިފައިވާ ބަދަލުތަކާއެކު ރަށުގެ ބަނދަރު ތަރައްޤީކުރުމަށް އީއައިގޭގެ މަސައްކަތްތައް ފަށާފައިިވާކަމަށާއި އޭގެ ޢަމަލީ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށެވެ. އެއާއެކު ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުއާ އެކުއެކީގައި ރަށުގައި ފަރުމަސް ބޭނުންމަށް ޖެޓީއެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭޓީއެމްގެ ޚިދުމަތް ފަށާފައިވާއިރު، ޒުވާނުންގެ މަރުކަޒުގެ މަސައްކަތް 6 މަސްދުވަހުގެ ތެރޭގައި ނިންމައިދެއްވާނެކަމަށެވެ. މީގެއިތުރުން ރަށުގެ ސްކޫލް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ކައުންސިލްގެ އިދާރާގެ އާ އިމާރާތަށްވެސް ޗައިނާގެ ހިލޭ އެހީ ހަމަޖެހިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ހެލްތު ސެންޓަރ ތަރައްޤީކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ނިންމާ، ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
މީގެއިތުރުން ވޮލީކޯޓްގެ މަސައްކަތް 4 މަސް ދުވަހުން ނިންމާނެކަމަށާއި ޕޮލިސް ސްޓޭޝަން ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.