ޚަބަރު

މަންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


އދ. މަންދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާއަޅައިފިއެވެ.

މި މަޝްރޫއު ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބުދަ ދުވަހު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މަންދޫ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އާއެވެ.

މި ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ. އަދި އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރަޝީދާއި މަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ސައީދެވެ.

މަންދޫގައި ގާއިމުކުރާ މި އެފްއާރްސީއަކީ އެރަށުގެ ރައްޔިތުންނަށް އިންޑޯ ޖިމުގެ ހިދުމަތާއި އެރޮބިކްސް އާއި އެކި ކަހަލަ ބޯޑު ގޭމުތަކާއި އިންޑޯ ގޭމުތައް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ އެފްއާރްސީއެކެވެ.

މި އެފްއާރްސީގައިވެސް އެކި ކަހަލަ ޓްރޭނިންތަކަށް ބޭނުންކުރެވޭނެ ކުލާސްރޫމާއި މީޓިން ރޫމާއި އޮފީސްބައެއް ހުންނާނެއެވެ.

ކޮންމެ ރަށެއްގައި އެފްއާރްސީއެއް ގާއިމުކުރުމަކީ ކުރިޔަށް އޮތް ދެއަހަރު ދުވަހުގެތެރޭގައި ނިންމުމަށް ސަރުކާރުން އަމާޒު ހިފާފައިވާ މަޝްރޫއެކެވެ.