ޚަބަރު

އެމްޓީސީސީގެ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓް ރާއްޖެ ގެނެސްފި


  • މި ޝިޕްމަންޓުގައި 56،450 ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނެވިފައިވޭ

  • މިއަހަރު ނިމުމުގެ ކުރިން 2.5 މިލިޔަން ޓަނުގެ ބޮޑު ހިލަ ގެނައުމަށް ދަނީ މަސައްކަތްކުރަމުން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާ ހަވާލުކޮށްފައިވާ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފިއެވެ.

އެމްޓީސީސީއިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރައްޔިތުންނާ ބައްދަލުކުރެެއްވުމަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރައްޔިތުން އެދިލައްވަމުން ގެންދަވާ ޢުމްރާނީ ތަރައްޤީގެ މަޝްރޫއުތުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓް ރާއްޖެ ގެނެސްފައިވާކަމަށެވެ.

އެގޮތުން، އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢުތައް ނިންމުމަށް ބޭނުންވާ 2.5 މިލިޔަން ޓަނުގެ ބޮޑު ހިލަ މިއަހަރު ނިމުމުގެ ކުރިންރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މި ޝިޕްމަންޓް ގެނެސް، އެ ކުންފުންޏާ ހަވާލުކުރެވިފައިވާ މަޝްރޫޢުތައް ނިމުމާއެކު، ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އެމްޓީސީސީން ވިދާޅުވީ، ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ބަލްކް ޝިޕްމަންޓުގައި، 56،450 ޓަނުގެ ބޮޑުހިލަ ރާއްޖެ ގެނެވިފައިވާކަމަށެވެ.

އެގޮތުން، މި ޝިޕްމަންޓުގައި ގެނެވިފައިވާ ބޮޑު ހިލައިގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހުގެ ބަނދަރު ތަަރައްޤީކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފައިވާކަމަށް އެކުންފުނިން ވިދާޅުވިއެވެ.


މީގެއިތުރުން، ބ، ރ، އަދި ޅ އަތޮޅުގެ އެހެނިހެން މަޝްރޫޢުތަކަށް ބޭނުންވާ ބޮޑު ހިލައިގެ ޝިޕްމަންޓު ފޮނުވޭނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.

ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއެކު ނިންމައިފައެވެ. އަދި މިހާރުވެސް އެކުންފުނިން އަންނަީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝޤރޫޢުތަކެއްގެ މަސައްކަތް ކުރަމުންނެވެ.