ޚަބަރު

މިދިޔަ ހަފްތާގައި 276 މަސްދޯންޏަކުން ކިރުވި މަހަށް 9.5 މިލިޔަން ރުފިޔާ ދޫކުރި


  • މިދިޔަ ހަފްތާގައި މަސްވެރިންނަށް 9،543،442 ރުފިޔާ ވަނީ ދޫކޮށްފައި

  • 8 މަސްދުވަހު ރާއްޖެއިން 57,318 މެޓްރިކް ޓަނުގެ މަސް އެކްސްޕޯޓްކުރި

މިދިޔަ ހަފުތާގައި މަސްވެރިން ކިރުވި މަހަށް 9.5 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ ހަފުތާގައި މިފްކޯއަށް 276 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

ސަރުކާރުގެ މަސްކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި މިފްކޯއަށް 276 ދޯންޏަކުން މަސްކިރުވާފައިވާއިރު، މިއީ އޭގެ ކުރީ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނީގެ އަދަދާއި އަޅާބަލާއިރު %17.4 އިތުރު އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މިފްކޯއަށް 235 ދޯންޏަކުން ވަނީ މަސްކިރުވާފައެވެ.

މިދިޔަ ހަފްތާގައި މިފްކޯއަށް މަސްކިރުވި ދޯނިތަކުގެ އަދަދު އިތުރުވެފައިވީނަމަވެސް، މަސްވެރިންނަށް ދޫކުރި ފައިސާގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 9،543،442 ރުފިޔާ ވަނީ ދޫކޮށްފައެވެ. މިއީ އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކުރި އަދަދާއި އަޅާބަލާއިރު %3.04 ދަށް އަދަދެކެވެ. އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 9،843،469 ރުފިޔާއެވެ.

މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއަށް 53 ދޯންޏަކުން މަސްކިރުވާފައިވާއިރު، އެ ދޯނިތަކަށް މުޅި ޖުމްލަ 2،161،726 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ މަންތުލީ ސްޓެޓިސްޓިކް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން 57,318 މެޓްރިކް ޓަނުގެ މަސް ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކުރީ 30,125 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %90.3 އިތުރުވުމެކެވެ.

ތާޒާ، ފިނިކުރި ކަނޑުމަހުގެ ގޮތުގައި މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 51,624 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 24,980 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %106.7 އިތުރުވުމެކެވެ.

ޕްރޮސެސްކޮށްގެން މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައިވަނީ 1,118.8 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެކްސްޕޯޓްކޮށްފައިވަނީ 679.2 މެޓްރިކް ޓަނުގެ މަހެވެ. އެހެންކަމުން މިއީ %64.7 އިތުރުވުމެކެވެ.

ރާއްޖެއިން ބޭރު ކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރަނީ މަހުގެ ބާވަތްތަކެވެ. ރާއްޖޭގެ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް ސިނާޢަތުން އިޤްތިޞާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. މިކަން ކުރުމަށް މަސް ޕްރޮސެސިން ކެޕޭސިޓީ އިތުރުކޮށް މަސް ރައްކާކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ 3 އަހަރު ތެރޭގައި މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނަ އިތުރު ކުރުން ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.