ކަސްޓަމުން ހިފަހައްޓައި، އެމްޕީއެލްގެ ބެލުމުގައި ދަށުގައި ބަހައްޓާފައިހުރި ދެ ކޮންޓޭނާގެ ސިގިރޭޓް ހުޅުމާލެ އިންނޭޝަނަލް ޓަރމިނަލް އިން ގެއްލުނު މައްސަލައާއި ގުޅިގެން އެމްޕީއެލްގެ 6 މުވައްޒިފަކު ސަސްޕެންޑްކޮށްފިއެވެ.
އެމްޕީއެލްއިން ވިދާޅުވީ އެކުންފުނީގެ ތަޙުޤީޤުން މިހާތަނަށް ހޯދިފައިވާ މަޢުލޫމާތަށް ރިޢާޔަތްކޮށް، މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 5 މުވައްޒަފުން ސަސްޕެންޑްކޮށްފައިވާކަމަށެވެ. އަދި އިތުރު މުވައްޒަފަކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަޒީފާއިން ސަސްޕެންޑްކޮށްފައިވާކަމަށެވެ. ކުންފުނީގެ ހިންގުމުގައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް ދެނެގަތުމަށް އެމް.ޕީ.އެލްގެ ތަޙުޤީޤު ކޮމެޓީ، ރިސްކް ޑިޕާޓްމަންޓް އަދި އިންޓަރނަލް އޮޑިޓްއިން މިހާރުވެސް ދަނީ މި މައްސަލައާ ގުޅޭ ތަޙުޤީޤު އަދި އޮޑިޓްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަމުން ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.
މިއީ ވަރަށް ސީރިއަސް މައްސަލައަކަށްވާތީ، ތަޙުޤީޤު ކުރިއަށް ގެންދަނީ ފުލުހުންގެ ތަޙުޤީޤަށް ހުރަސްނޭޅޭ ގޮތަށްކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން އެމް.ޕީ.އެލްގެ ސެކިއުރިޓީ އާކިޓެކްޗަރ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ދަޢުލަތުގެ ސަލާމަތީ ބާރުތަކާއި ޤާނޫނު ތަންފީޒުކުރާ މުޢައްސަސާތަކާއި ވުޒާރާތަކާއި ގުޅިގެން ވަނީ ފަށާފައެވެ. މިފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މިނިސްޓްރީ އޮފް ޑިފެންސް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު މަޝްވަރާތައް މިހާރު ވަނީ ފަށާފައެވެ.
އެކުންފުނިން ވިދާޅުވީ މިކަމުގައި ޝާމިލްވާ އެއްވެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކާރުވެ ނުދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒުކޮށް، ބަނދަރުގެ ސެކިއުރިޓީ އާއި ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރާނެ ކަމުގެ ޔަޤީންކަން ދޭކަމަށެވެ.
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގުމުގައި އިސްކޮށް ހަރަކާތްތެރިވިކަަމަށް ތުުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށް ވަނީ ބަންދުކޮށްފައެވެ. މިމައްސަލައިގެ ތަހުޤީގަށް މިހާތަނަށް 12 މީހަކު ފުރުން މަނާކޮށް، ބައެއް އުޅަނދުތަކާއި، ތަންތަން ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މިކަން ރާވައި ހިންގުމގައި އިސްކޮށް އުޅުނުކަމަށް ތުހުމަތުކުރެވޭ 4 މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެތެރޭގައި 2 ވިޔަފާރިިވެރިޔަކާއި ކަސްޓަމްސްގެ އިސް މުވައްޒަފެއް ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.