ޚަބަރު

ށ. ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފި


  • ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރަނީ އެމްއޭސީއެލްއިން

  • މި ސެންޓަރު ނިމުމުން އެރަށުގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބޭނެ

ށ. ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާއަޅައިފިއެވެ.

މިއީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެކެވެ.

ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އާއި އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝަރީފް މުހައްމަދެވެ.

މި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ނަރުދުއަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ނަރުދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ބޯޑު ގޭމުތަކާއި އެކި ކަހަލަ އިންޑޯ ކުޅިވަރުތަކާއި ޖިމާއި އެރޮބިކްސް ފަދަ ކަސްރަތުތައް ކުރެވޭ ގޮތަށް އިމާރާތްކުރާ ސެންޓަރެކެވެ. މީގެ އިތުރުން މި ސެންޓަރުގައި މީޓިން ރޫމާއި ކުލާސްރޫމާއި އޮފީސް ބައެއް ހިމެނޭނެއެވެ.