ޚަބަރު

ޑްރަގް ޓްރެފިކިންގެ ބޮޑު މައްސަލައެއް ބަލައިނުގަތުމަށް ނިންމި ނިންމުން މުރާޖަޢާކުރަން ހުށަހަޅާނަން: ޕީޖީ


  • މިއީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ޕީޖީން ދެކެވަޑައިގަންނަވާ

ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑު މައްސަލައެއް އެކޯޓަށް ބަލައިނުގަތުމަށް ނިންމެވި ނިންމުން މުރާޖަޢާކުރަން ހުށަހަޅުއްވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

މިއީ 2020 ވަނަ އަހަރުގެ ނޮވެންބަރު އަދި ޑިސެންބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސ. ހުޅުދޫ، ދޭލިޔާގެ ޢިރުފާން ތަޤިއްޔުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ސާބިތު ނުވާކަމަށް އެ ކޯޓުން ޙުކުމްކުރުމުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާގޮތަށް އެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ ރަޖިސްޓްރޭޝަން ފީ ދައްކާފައިނުވާކަމަށް ބުނެ އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ކޯޓުގެ ރަޖިސްޓްރަރ ނިންމަވާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ވިދާޅުވީ އިސްތިއުނާފު ރަޖިސްޓްރީކުރުމަށްޓަކައި ދައްކަންޖެހޭ ފީ ދެއްކުމަށް އަންގާ ލިޔުން 5 އޮކްޓޫބަރުގައި އެ އޮފީހަށް މެއިލްކުރިކަމަށް ހައިކޯޓުގެ ރަޖިސްޓްރަރ ވިދާޅުވިނަމަވެސް، އެ އީމެއިލް ޕީޖީ އޮފީހުގެ ކަނޑައެޅިފައިވާ އީމެއިލްއަށް ލިބިފައިނުވާކަމަށެވެ. އަދި އެފަދަ ލިޔުންތައް ފޮނުވުމަށް ކަނޑައެޅިފައިވާ އީމެއިލްއަށް އެ ދުވަހާއި، އަދި ޖެހިގެން އައި ދުވަހުވެސް ހައިކޯޓުން އެކި އީމެއިލްތައް ފޮނުވާފައި ހުރިނަމަވެސް، ޢިރުފާން ތަޤިއްޔުގެ މައްޗަށް ރައްދުވާ އިސްތިއުނާފު މައްސަަލައާ ގުޅޭ އީމެއިލް ލިބިފައިނުވާކަމަށެވެ. އެހެންކަމުން ހައިކޯޓުގެ ރަޖިސްޓްރަރގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހަޅާނެކަމަށާއި، އަދި މި ނިންމުމަކީ ހައިކޯޓުން އިސްވެ މުރާޖަޢާކުރަންޖެހޭ ނިންމުމެއްކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.