ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ގެންނަ ޒަރޫރީ މުދާ ވިއްކާނެ ފިހާރައެއް އަންނަ ރަމަޟާން މަހުގެ ކުރިން ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޝިމާދު މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އެސްޓީއޯގެ އާންމު މުދާ ވިއްކާ ފިހާރައެއް ހުޅުމާލޭގައި ނުހުންނާތީ އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކުރެއެވެ. މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީއާ މަޝްވަރާކޮށްގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފިހާރައެއް ހުޅުވުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަ ކަމަށެވެ.
ފުރަތަމަ ފިޔަވަހީގެ އިތުރުން، ދެވަނަ ފިޔަވަހީގައިވެސް އެފަދަ ފިހާރައެއް ހުޅުވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށްވެސް ޝިމާދު ވިދާޅުވިއެވެ.
އެސްޓީއޯއިން ގެންނަ އާންމު މުދާ ވިއްކާ ފިހާރައެއް ހުޅުމާލޭގައި ހުޅުވަން ނިންމާފައިވަނީ ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމާއި ގުޅިގެންނެވެ.
އެގޮތުން، މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުން 23 ބާވަތެއްގެ މުދާ ހެޔޮ އަގުގައި މިހާރު ދަނީ ވިއްކަމުންނެވެ. މީގެ ތެރޭގައި ހިމެނެނީ ކާޑުގެ ބާވަތްތަކުގެ އިތުރުން، 10 ބާވަތެއްގެ މޭވާއާއި، 10 ބާވަތެއްގެ ތަރުކާރީ އާއި އެހެނިހެން ތިން ބާވަތެކެވެ.
މޭވާގެ ގޮތުގައި ގެންނަން ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރު ހިމެނެއެވެ. ތަރުކާރީގެ ގޮތުގައި ގެންނަން ހަމަޖެހިފައިވަނީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ. މީގެ އިތުރުން، ރީނދޫ މުގު، ކުކުޅު ބިސް އަދި ކާށި ފަދަ އެހެނިހެން ބާވަތްތައްވެސް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.