ޚަބަރު

މާވަށުގައި ޤާއިމްކުރާ ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފި


  • ބޭންކިންގެ ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

މާވަށުގައި ޤާއިމްކުރާ ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބްރާންޗުގެ ބިންގާ އަޅައިފިއެވެ.

މާވަށުގައި ޤާއިމްކުރާ ބީއެމްއެލްގެ ބްރާންޗުގެ ބިންގާ އަޅާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތުގައިއެވެ. މިރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި ބީއެމްއެލް އިސްލާމިކް ބްރާންޗުގެ ބިންގާ އަޅުއްވާދެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރާއި ބީއެމްއެލްގެ ޗެއަރޕާސަން އަޙްމަދު ޢަލީ ޙަބީބު، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް، އަދި އެރަށު ކައުންސިލްގެ ރައީސްއެވެ.

ލ. ގަމާއި ފޮނަދޫގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް، ބޭންކުން އަންނަނީ މިހާރުވެސް ލ. އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ.
ބޭންކް އޮފް މޯލްޑިވްސްއިން ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކި ޚިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންނެވެ.

މިގޮތުން ރަށްރަށުގައި އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާއިރު، އަތޮޅުތަކުގައި ބައެއް ރަށްރަށުގައި ބްރާންޗު ޤާއިމް ކުރުމުގެ މަސައްކަތްވެސް ކުރެއެވެ. މިއީ ރައްޔިތުންނަށް ބޭނުންވާ ބޭންކިން ޚިދުމަތްތައް ފޯރުކޮށްދިނުމާއި ބޭންކުގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ގާތުން ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ކުރަމުންދާ މަސައްކަތެއްކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.