ޚަބަރު

އައްޑޫ ވޯޓު: ފޮށިތަކަށް ބެހިފައިވާގޮތާއެކު ފައިނަލް ލިސްޓު އާންމުކޮށްފި


  • 18 ވޯޓު ފޮށި ބަހައްޓާ، މާލޭގައި 7 ފޮށި

  • ޖުމްލަ 9203 މީހުންނަށް ވޯޓު ލެވޭ

އައްޑޫ ސިޓީގައި ކުރިއަށްގެންދާ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓުގައި ވޯޓު ދިނުމުގެ ޙައްގު ލިބިފަވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓު ދިނުމުގެ ޙައްގު ލިބިފަވާ މީހުންނާއި ވޯޓު ފޮށިތަކަށް ބެހިފަވާގޮތުގެ ލިސްޓުވެސް ނެރެފައެވެ.

އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ މަޢުލޫމާތައް ބާލާއިރު ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ދާއިމީ ލިސްޓުގައި ޖުމްލަ 9203 މީހުން ހިމެނެއެވެ. ރީރަޖިސްޓްރޭޝަނަށް ހުޅުވާލުމުން 255 މީހުން ރީ ރެޖިސްޓަރކޮށްފައިވެއެވެ.

ވޯޓު ފޮށިތަކަށް ރެޖިސްޓަރކޮށްފަވާ ޢަދަދު:

• ހުޅުދޫ – 3 ފޮށި – 1243 މީހުން
• މީދޫ – 3 ފޮށި – 1218 މީހުން
• ފޭދޫ – 5 ފޮށި – 2862 މީހުން
• މާލެ – 7 ފޮށި – 3881 މީހުން

ފައިނަލް ލިސްޓު އާންމުކުރުމާއެކު، ލިސްޓަށް ބަދަލު ގެނައުމަށް ޝަކުވާ ހުށައެޅުމުގެ އެއްވެސް ފުރުޞަތެއް އިތުރަކަށް ދެން ނުލިބޭނެއެވެ. އިލެކްޝަނުން އާންމުކުރި ފައިނަލް ލިސްޓު ވަނީ ގެޒެޓުގައާއި އިލެކްޝަން ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.

ވޯޓު ފޮށި ބަހައްޓަނީ ވޯޓުގައި ހިމެނޭ 3 ރަށުގެ އިތުރުން، މާލޭގައި އެކަންޏެވެ. އެހެންކަމުން މަޖިލިސް އިންތިޚާބުގައި މާލެ ސަރަޙައްދު ފިޔަވާ އެހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓްރީ ކޮށްފައި ތިބި މީހުން، ރީ-ރަޖިސްޓްރީ ނުކުރާނަމަ އެ މީހެއްގެ ދާއިމީ އެޑްރެސް އޮންނަ ރަށަކަށް ރަޖިސްޓްރީ ބަދަލުވެފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ހުޅުމާލެއާއި ވިލިމާލެއަށް ރަޖިސްޓްރީ ކުރި މީހުންގެ ރަޖިސްޓްރީ، ރީ-ރަޖިސްޓަރ ނުކުރާނަމަ އޮންނާނީ މާލޭގައި ބަހައްޓާ ވޯޓުފޮއްޓަށެވެ.

އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.