ޚަބަރު

އަމާން އުދަރެހުގެ އިތުރު ޓަވަރުތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ


  • މިހާރު ތަޅުދަނޑި ހަވާލުކުރަމުންދަނީ 14ވަނަ ޓަވަރުގެ އެކަނި

  • ފްލެޓް ހަވާލުކުރަނީ ފިނިޝިންއާއި ޔުޓިލިޓީގެ ކަންކަން ޔަގީންކޮށްފައި

މިހާތަނަށް 81 ފަރާތަކާ ފްލެޓްގެ ތަޅުދަނޑު ހަވާލުކޮށްފައިވާކަމަށާއި އަމާން އުދަރެހުގެ ބާކީ ދެން ހިމެނޭ ޓަވަރުތަކުގެ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކުގެ ތަޅުދަނޑު ހަވާލުކުރަން ފަށާފަވަނީ ސެޕްޓެންބަރު 5 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގައި ޖުމްލަ ހިމެނެނީ 32 ޓަވަރުގެ 4000 ހައުސިން ޔުނިޓެވެ. ކޮންމެ ޓަވަރެއްގައި 125 ހައުސިން ޔުނިޓް ހިމެނެއެވެ. އެގޮތުން އެންމެ ފުރަތަމަ ދޫކުރަން ފަށާފަވާ އަމާން އުދަރެހުގެ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ތަޅުދަނޑު މިހާތަނަށް މިވަނީ އެގެތަކުގެ ވެރިންނާ ހަވާލުކޮށްފައެވެ. އަދި ބައެއް އާއިލާތަކުން މިހާރު ވަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ.

އެފްޑީސީން ވިދާޅުވީ ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން ނިމި، ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތަކުގައިވެސް ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރުކުރުމަށްފަހުގައިކަމަށެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ގޮސް، އެކަންކަން ހަމަޖެހިފަވާކަން ކަށަވަރުކުރަމުންދާކަމަށެވެ. 14 ވަނަ ޓަވަރުގެ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާވަރަކަށް ހަވާލުކުރަމުންދާނެކަމަށް އެ ކޯޕަރޭޝަނުން ވިދާޅުވެފައެވެ.

އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރު ހިމެނޭއިރު އެއީ 2000 ހައުސިން ޔުނިޓްއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަނުން ވިދާޅުވީ، އަމާން އުދަރެހުގެ އިތުރު ޓަވަރުތަކުގެވެސް ތަޅުދަނޑި ހަވާލުކުރުމަށް ތައްޔާރުވެފަވާކަމަށާއި އެކަމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށެވެ.

ސަރުކާރުގެ ޢަމާޒަކީ މިއަހަރުގެތެރޭގައި ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކަށް ފްލެޓް ހަވާލުކޮށް ނިންމުމެވެ. ނަމަވެސް ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ބޮޑެތި މައްސަލަތަކެއް ހުރުމުގެ ސަބަބުން، އެކަން ރިވިއުކުރުމަށް ދިގު މުއްދަތެއް ދަނީ ހޭދަވަމުންނެވެ. އެ މައްސަލަތައް ޙައްލުކޮށް އެފަރާތްތަކަށްވެސް ވީހާވެސް އަވަހަށް ފްލެޓްތައް ދޫކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން ވަނީ ފްލެޓްތަކަށް ގަވައިދުން ފައިސާ ދައްކާމީހުންނަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމާފައެވެ. އަދި ފްލެޓްތަކުގެ ޑައުން ޕޭމަންޓްވެސް ވަނީ ކުޑަކޮށްދީފައެވެ. މި މަޝްރޫޢުގައި ހިމެނެނީ 2 ކޮޓަރީގެ ޔުނިޓްތަކާއި 3 ކޮޓަރީގެ ޔުނިޓްތަކެވެ.