ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލް, ޓާމިނަލް 1 އިން ޗޮންޗިން އެއަރލައިނަށް ޚިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން ޗޮންޗިން އެއަރލައިނަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ. މިހަފްލާ ޝަރަފުވެރިކޮށްދެއްވީ އެމްއޭސީއެލްގެ ބޯޑު ޑިރެކްޓަރު އިބްރާހިމް މަހުދީއެވެ.
މިހަފްލާގައި ޗޮންޗިން އެއަރލައިންގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 142 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗޮންޗިން އެއަރލައިންގެ ފުރަތަމަ މަތިންދާ ބޯޓުން ރާއްޖެ އައި 79 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
މި ހަފްލާގައި ވިލާ ޓްރެވަލްސްގެ އެއަރޕޯޓް ސްޓޭޝަން މެނޭޖަރު މުހައްމަދު ފައްޔާޒު އާޢި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޗައިނާގެ އެންމެ ބޮޑު އެއް އެއަރލައިން, ޗައިނާ ސަދާން އެއަރލައިންސްގެ ދަށުން ހިންގާ ޗޮންޗިން އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 24 ޖޫން 2024 ގައެވެ.
ޗޮންޗިން އެއަރލައިނަކީ ޓާމިނަލް 1 އިން ޚިދުމަތް ދޭން ފެށި 12 ވަނަ އެއަރލައިނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއަރލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުމެވެ.