ޚަބަރު

ޝައުގުވެރި ގިނަ ހަރަކާތްތަކަކާއެކު ޕޮލިޓެކްނިކްގެ "ސްކިލް ފެސްޓް 2025" މާދަމާ ފަށަނީ


  • ފެސްޓިވަލް 3 ދުވަހަށް ކުރިއަށްދާނެ

  • ވޯކްޝޮޕްތައް ބަލާލުމާއި ތަޖުރިބާކޮށްލުމުގެ ފުރުޞަތު

ޕޮލިޓެކްނިކްއަށް 50 އަހަރު ފުރުން ފާހަގަކުރުމަށް، ޝައުގުވެރި ގިނަ ހަރަކާތްތަކާއެކު ބާއްވާ "ސްކިލް ފެސް 2025" މާދަމާ ފަށާނެއެވެ. މި ފެސްޓިވަލަކީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެސްޓިވަލްއެވެ.

މި ފެސްޓިވަލްއަކީ ޕޮލިޓިކްނިކްގެ މަސައްކަތްތަކާއި ހިންގާ ކޯސްތަކުގެ މަޢުލޫމާތާއި ވޯކްޝޮޕްތައް ބަލާލުމުގެ ފުރުޞަތާއެކު ކުރިއަށްގެންދާ ފެސްޓިވަލްއެކެވެ. ފެސްޓް ކުރިއަށްގެންދަނީ ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކާއި ތަފާތު ގޭމްތައްވެސް ހިމެނޭހެނެއެވެ.

މި ފެސްޓިވަލްއާ ގުޅޭގޮތުން މަޢުލޫމާތު ޙިއްސާކުރަމުން ޕޮލިޓެކްނިކްއިން ވިދާޅުވީ، ފެސްޓިވަލްގައި ޕޮލިޓެކްނިކްގައި ހިންގާ ޢަމަލީ ކޯސްތަކުގެ ވޯކްޝޮޕްތައް ބަލާލުމުގެ އިތުރުން ޝަޢުގުވެރި އެތައްކަމެއް ތަޖުރިބާކުރުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. މިއީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި، މަސައްކަތުގެ ޢަމަލީ ތަމްރީން ލިބޭގޮތަށް ހަދާފަވާ ވޯކްޝޮޕްތަކެވެ. އެގޮތުން މެކޭނިކަލް، އިންޖިނިއަރިން، ރޮބޮޓިކްސް އަދި މިނޫންވެސް ޢަމަލީގޮތުން ތަފާތު ކަންތައްތަކެއް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ފެސްޓިވަލްގައި ލިބިގެންދާނެއެވެ.

ޕޮލިޓެކްނިކްއިން ވިދާޅުވީ މިއީ ހުރިހާ އުމުރުފުރާއަކަށްވެސް ބައިވެރިވެވޭގޮތަށް ހިންގާ ފެސްޓިވަލްއެއްކަމަށެވެ. އެގޮތުން ކުޑަކުދިންގެ އިތުރުން ސާނަވީ އަދި މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ޝާމިލުވެވޭގޮތަށް ހަރަކާތްތައް ހިންގާނެއެވެ. މި ހަރަކާތުގައި ދަރިވަރުންނާއެކު ބެލެނިވެރިންވެސް ބައިވެރިވުމަކީ ވަރަށް ބޮޑު އެދުމެއްކަމަށް އެ މުވައްސަސާއިން ވިދާޅުވެއެވެ.

މި ހަރަކާތް ކުރިއަށްގެންދަނީ ޕޮލިޓެކްނިކްއިން ނަމަވެސް، ބައެއް އެސްއޯއީތަކުގެ އެހީތެރިކަންވެސް ލިބިފަވާކަމަށް ވިދާޅުވެއެވެ. މި ފެސްޓިވަލް ކުރިއަށްދާނީ ބުދަ، ބުރާސްފަތި އަދި ހުކުރު، މި 3 ދުވަހަށެވެ.

ފެސްޓިވަލް އޮންނާނީ:

  • ބުދަ: 09:30-12:00 / 14:00-22:00
  • ބުރާސްފަތި: 14:00-22:00
  • ހުކުރު: 16:00-22:00

ފެސްޓިވަލްއަށް ވަދެވޭނީ ހިލޭއެވެ. ނަމަވެސް ވަޑައިގެން ރެޖިސްޓްރީކުރުމުން ލަކީޑްރޯތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިވޭނެއެވެ.