ޚަބަރު

ޢިލްމީ ދިރާސާ ކުރުމަށް ދޭ ގްރާންޓް ތަޢުލީމީ 3 މުވައްސަސާއަކަށް


  • އެމްއެންޔޫ، އައިޔޫއެމް އަދި ވިލާކޮލެޖަށް ގްރާންޓް ދީފަވޭ

  • މިކަމަށް އެދި ހުށައެޅީ، މި 3 މުވައްސަސާއިން އެކަނި

ރާއްޖެއަށް މުހިންމު ދާއިރާތަކުން ޢިލްމީ ދިރާސާ ކުރުމަށް އެހީތެރިކަންދިނުމަށް ޔުނިވަރސިޓީތަކަށް ސަރުކާރުން ދޫކުރާ ގްރާންޓް، 3 މުވައްސަސާއަކަށް ދީފިއެވެ.

ގްރާންޓް ދޭން ނިންމާފަވަނީ، ތަޢުލީމީ 3 މުވައްސަސާ ކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އަދި ވިލާ ކޮލެޖަށެވެ. މިކަމުގެ އެއްބަސްވުމުގައި މަތީ ތަޢުލީމާ ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ރިސާރޗް ކައުންސިލާއި، ގްރާންޓް ލިބޭ މުވައްސަސާތަކާ ދެމެދު ވަނީ ސޮއިކޮށްފައެވެ.

ރިސާރޗް ގްރާންޓަށް ފުރުޞަތު ހުޅުވާލުމުން، މިމަސައްކަތް ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށް ގްރާންޓަށް އެދިފައިވަނީވެސް 3 މުވައްސަސާއިން ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއެވެ.

ދިރާސާކުރުމަށް އެހީދޭ ކަންކަމުގެ ތެރޭގައި ޚާއްސަކޮށްފައިވާ މުހިންމު ދާއިރާތަކެއް ހިމެނެއެވެ.

ރިސާރޗް ގްރާންޓް ދިނުމުގައި އިސްކަންދޭ މައިގަނޑު ދާއިރާތައް:

• ގަވަނަންސް، ސޭފްޓީ އެންޑް ވެލް ބީންގް
• އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ސަސްޓައިނަބިލިޓީ
• ޑިގިޓަލް ޓްރާންސްފޮމޭޝަން އެންޑް އިނޮވޭޝަން
• ގްރީން އެޖެންޑާ

ޤައުމީ ތަރައްޤީއާ ގުޅޭ ސިޔާސަތުތައް ކަނޑައެޅުމުގައި ޢިލްމީ ދިރާސާތަކަށް ބިނާކޮށް ގޮތް ނިންމަށް ބާރު އެޅުމަށް، ދިރާސާކުރުމުގެ މަސައްކަތްތަކަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުމަކީ ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭ މުހިންމު ވަޢުދެކެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެހީގެ މަޤުޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އިލްމީ ދިރާސާ ކުރެވޭނެ ގޮތްތައް ތަނަވަސް ކުރުމާއި، އެފަދަ ދިރާސާ ކުރެވޭނެ ގޮތްތައް ފަހިކޮށްދީ، އެފަދަ ދިރާސާތަކުގެ ހޯދުންތައް އާންމުކުރުން ހިމެނޭ ކަމަށެވެ.

ތަޢުލީމީ މުވައްސަސާތަކަށް ދޫކުރާ ގްރާންޓްގެ ސަބަބުން، ދިރާސާ ކުރުމުގެ މުހިންމުކަން ބުނެދީ އެކަމުގެ ސަޤާފަތެއް އުފެއްދުމަށްވެސް މަގުފަހިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.