ޚަބަރު

ބަޖެޓު 2026: ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް 8.3 ބިލިޔަން ރުފިޔާ


  • މުޅި ބަޖެޓުގައި ބޯހިޔާވަހިކަމަށް 2 ބިލިޔަނަށްވުރެ ރުފިޔާ

  • އެއަރޕޯޓުތަކާއި އޭވިއޭޝަން ދާއިރާގެ ތަރައްޤީއަށް 540.6 މިލިޔަން ރުފިޔާ

އާއްމު އިޖުތިމާޢީ ދާއިރާތަކުން ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓުގައި 8.3 ބިލިޔަން ރުފިޔާ ހިމަނައިފިއެވެ.

މީގެތެރޭގައި ބޯހިޔާވަހިކަމާއި ބިންހިއްކުމާއި، ލަފާފުރުމުގެ ދަތިކަން ޙައްލުކުރުމާއި މިނޫންވެސް ތަރައްޤީގެ މުހިންމު ގިނަ ދާއިރާތަކެއް ހިމެނެއެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.

އެކިއެކި ބައިބަޔަށް ޚަރަދު ކުރާގޮތުގެ ޖުމްލަ ތަފްސީލާއި ޕީއެސްއައިޕީ ހިމެނޭހެން ބޯހިޔާވަހިކަމުގެ ދާއިރާއިން 2.4 ބިލިޔަން ރުފިޔާ ހޭދަކުރެއެވެ.

ދެން އެންމެ ބޮޑު ހޭދައެއް ކުރާ ދަތުރުފަތުރާ ބިނާރީ ތަރައްޤީގެ ދާއިރާއިން 2.3 ބިލިޔަން ރުފިޔާ ކަނޑައަޅާފަވެއެވެ.

ޕީއެސްއައިޕީ ބަޖެޓު ކަނޑައެޅިފަވާގޮތް:

• އިޖުތިމާޢީ ބޯހިޔާވަހިކަން – 1 ބިލިޔަން ރުފިޔާ
• ބްރިޖްތަކާއި ޓަނަލް – 798.6 މިލިޔަން ރުފިޔާ
• އެއަރޕޯޓުތަކާއި އޭވިއޭޝަން – 540.6 މިލިޔަން ރުފިޔާ
• މަގުތަކާއި ހައިވޭ – 556 މިލިޔަން ރުފިޔާ
• ހޮސްޕިޓަލް – 430.4 މިލިޔަން ރުފިޔާ
• ބިންހިއްކުން – 429.7 މިލިޔަން ރުފިޔާ
• ބަނދަރު – 393.6 މިލިއަން ރުފިޔާ
• ފެނުގެ ނިޒާމު – 347.4 މިލިޔަން ރުފިޔާ
• ގޮނޑުދޮށް ޙިމާޔަތްކުރުން – 218.6 މިލިޔަން ރުފިޔާ
• އަރބަން ޑިވެލޮޕްމަންޓް – 90 މިލިޔަން ރުފިޔާ
• އާއްމު ދަތުރުފަތުރުގެ ނިޒާމު – 89.3 މިލިޔަން ރުފިޔާ
• ނަރުދަމާ – 66.2 މިލިޔަން ރުފިޔާ

ބަޖެޓު ހުށައަޅައިދެއްވާ މާލީކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރާއި އަޅައިބަލާއިރު، ކެޕިޓަލް ޚަރަދު 31.7 ޕަސެންޓްއިން އިތުރުވެ 9.3 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭކަމަށާއި، ސަބަބަކީ ހިނގަމުންދާ އަހަރުގެ ޕީއެސްއައިޕީ ސިޔާސަތު އަންނަ އަހަރުވެސް ހަމަ އެފަދައިން ކުރިއަށް ގެންދިޔުމާއެކު، އުމްރަނީ ތަރައްގީގެ އިތުރު މަޝްރޫއުތަކެއް އަންނަ އަހަރު ތަންފީޒުކުރުމަށް ރާވާފައިވާތީކަމަށެވެ.

ޕީއެސްއައިޕީގެ ޚަރަދުގެ ޖުމުލަ ކަނޑައެޅުމުގައި ޑޮމެސްޓިކް ބަޖެޓުން ފަންޑުކުރާ މިންވަރު %70 އަށްވުރެ ބޮޑުނުވާނެ މިންވަރެއްގައި ހިފެހެއްޓޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މި ހިނގާ 2025ވަނަ އަހަރަށް ބަލާއިރު، ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.3 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވެއެވެ.