ޚަބަރު

ދުންފަތާއި ދުރު ޖީލެއްގެ ފައިދާ ކުޅިވަރުގެ ކުރިމަގަށް ކުރާނެ: ވަޒީރު ރާފިޢު


  • ރައީސްގެ މި ކެރުންތެރި ނިންމެވުމަކީ ދުޅަހެޔޮ އައު ޖީލެއް ބިނާކުރުމުގެ ފެށުން

  • ދުންފަތުން ދުރު ޖީލެއް ބިނާވުމުން ކުޅިވަރު ކުޅޭ ކުދިންގެ ހުނަރު އިތުރަށް ބިނާވެގެންދާނެ

ދުންފަތާއި ދުރު ޖީލެއް ބިނާކުރުމަކީ ދިވެހިރާއްޖޭގެ ކުޅިވަރުގެ ކުރިމަގަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާއި ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ.

"ނޭޝަނަލް ޓޯޗް ރަން" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރު ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ ކުރިއަރަމުން އަންނަ ޒުވާން އެތުލީޓުންނާއި ކުރިމަގުގައި ގައުމީ ޓީމުގެ އެތުލީޓުންނަށް ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުރަށް ދިއުމަށް އެހީތެރިވެގެންދާނެ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލު ނުކުރުމަކީ އެތުލީޓުންނަށް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށާއި މިކަމުގެ ސަބަބުން ނޭވާލުމުގެ ނިޒާމު ވަރުގަދަވެ ބުންވަރު އިތުރުވުމަށް އެހީވެދޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދުންފަތާއި ދުރަށް ދިއުމުން ފޯކަސް ރަނގަޅުވެ ގިނަވަގުތު ތަމްރީނުތަކުގައި ހޭދަކުރުމަށް ހަށިގަނޑަށް ބޭނުންވާ ހަކަތަ އިތުރުވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިކަމުގެ ސަބަބުން ފިޓްނަސް ރަނގަޅުވެ ހަރަކާތް އަވަސްވެ ކުޅިވަރުން ލިބޭ އެކިއެކި ބާވަތްތަކުގެ އަނިޔާއިން ރިކަވަރ ކުރުމަށް އަވަސްކޮށްދޭނެ ކަމަށެވެ. ވީމާ ދުންފަތުން ދުރު ޖީލެއް ބިނާވެގެން ދިއުމަކީ ކުޅިވަރު ކުޅޭ ކުދިންގެ ހުނަރު އިތުރަށް ބިނާވެގެންދާނެ ކަމެއް ކަމަށެވެ.

"ދުޅަހެޔޮ ޖީލެއް ބިނާކުރަން ކުރާ މަސައްކަތްތަކުގައި ރާއްޖެއަށް ވޭޕާއި އީ ސިނގިރޭޓް އެތެރެކުރުންވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ މަނާކޮށްފައި. މިދިޔަ އަހަރެއްހާ ދުވަހު މިކަމުގެ ފައިދާ ކުޅިވަރު ކުޅުންތެރިންނާއި ޓީމުތަކަށްވެސް ވަނީ ކޮށްފަ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ ކުޅުންތެރިޔާ މޮޅަށް ޕާފޯމް ކުރާނެ" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އެޅުއްވި މިކެރުންތެރި ނިންމެވުމާއެކު ދިވެހި މުޖުތަމައަކީ ސިއްހަތު ރަނގަޅު ދުޅަހެޔޮ ބަޔަކަށް ހެދުމަށް މީގެ 6 މަސްކުރިން ތަސްދީގުކުރެއްވި ގާނޫނަށް އަމަލުކުރަން ފެށުމަކީ ދުންފަތާއި ދުރު ދުޅަހެޔޮ އައު ޖީލެއް ބިނާކުރުމުގެ ފެށުންކަމަށް ދެކިވަޑައިގަންނަވާކަމަށެވެ.

ދުންފަތާއި ދުރު ޖީލެއް ބިނާ ކުރުމަށް މި އެޅޭ ފިޔަވަޅަށް އަމަލުކުރަން ފާހަގަކުރުމުގެ ގޮތުން ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާއި ސިއްހީ ވުޒާރާއާއި ޑަބްލިއުއެޗްއޯ ގުޅިގެން ކުރިޔަށް ގެންދިޔަ 24 ގަޑިއިރުގެ ދުވުމުގައި ރާއްޖޭގެ ގިނަ ރަށްތަކަކުންވެސް ބައިވެރިވި ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވަނީ މާލޭގައި ކުރިޔަށް ގެންދިޔަ ދުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި އަދި ސަރުކާރުގެ ނަމުގައި ޝުކުރު އަދާ ކުރައްވާފައެވެ.