ދިވެހިންނަކީ، ތާރީޚުގެ ވަރަށްދުރު ޒަމާނުއްސުރެ މުސްތަޤިއްލު ދައުލަތެއް ޤާއިމްކޮށްގެން، އެ ދައުލަތް ދަމަހައްޓަމުން އައިސްފައިވާ ޤައުމެއްގެ ވެރި ބައެކެވެ. މިއަދުގެ ދުނިޔޭގެ ކުރިމަތީގައިވެސް ދިވެހީންނަށް ލިބިފައިވާ އެންމެ ބޮޑު އެއް ފަޚުރަކީވެސް މިއީއެވެ. އެތަކެއް ހާސް އަހަރެއްވީ ދައުލަތެއްގެ ވެރިޤައުމެއްގެ ގޮތުގައި ދިވެހިން ތިބެފައި މިވަނީ ކުރިމަތިވި އެތައް ގޮންޖެހުންތަކަކާއި ނުރައްކާތަކުން ދައުލަތް ސަލާމަތްކޮށް ދިފާޢުކޮށްގެންނެވެ.
ދިވެހިރާއްޖެއަކީ، ބޮޑެތި ދައުލަތްތަކެއް އުފެދިދިޔަ، އަދި އިސްތިޢުމާރީ ހަރަކާތްތައް ހިންގި ސަރަޙައްދެއްގައި އޮތް ދައުލަތެކެވެ. މިފަދަ ސަރަޙައްދެއްގައި، އެހާމެ މުހިންމު ކަނޑެއްގެ މެދުގައި، އެތަކެއްހާސް އަހަރެއްވީ ދިގު ޢުމުރެއްގެ މައްޗަށް މި ދިވެހި ދައުލަތް ދެމި އޮވެފައިމިވަނީ އެކަމަށްޓަކައި ކުރެވުނު ގިނަ ހަނގުރާމަތަކާވެސް އެކީގައެވެ. މިއަދަކީވެސް އެފަދަ ދުވަހެއްގެ ޛިކުރާ އާކުރަމުން ގެންދާ ދުވަހެކެވެ. މިއަދަކީ، ދިވެހީންގެ ނަޞްރުގެ ދުވަހެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުން 3 ވީ ބުރާސްފަތި ވިލޭރޭ ފަތިހު 04:15 ހާއިރު، މާލެ ހޭލައްވާލީ އިވެމުން ދިޔަ ބަޑީގެ އަޑުތަކަކުންނެވެ. އެ އަޑަށް ހޭލެވުނު އެއްވެސް މީހަކު އެއީ ނުރައްކާތެރި ހަމަލާއެއްގެ އަޑު ކަމުގައި ހީކޮށްފައި ނުވެއެވެ. ސަބަބަކީ، ދިވެހީންނަކީ ޞަލާޙިއްޔަތުގެ ބިންގަލުގެ މަތީގައި ދިރިއުޅުން ވޭތުކުރަމުން ގެންދާ ބަޔެއްކަށް ވާތީއެވެ. ބޮޑެތި ލޭއޮހޮރުވުންތަކާ ކަޑިބަޑީގެ ނާމާންކަން އިހުސާސްކޮށް ދެކެއުޅޭ ބައެއް ނޫންކަމެވެ.
އެހެންނަމަވެސް އެވަގުތަކީ، ތާރީޚުގައި ދުވަހަކުވެސް މާފުނުވެވޭނޭ ފަދަ ޣަދަރުވެރި ޢަމަލެއް ހިތު އަޅައިގެން ޣަދަރުވެރި ދެ ދިވެއްސެއް، 80 ވަރަކަށް ތަމަޅަ ބާޣީންނާއިގެން، މާލެ އެރި ވަގުތެވެ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސަގަރު ނާސިރު އިސްވެ ތިބެ ސްރީލަންކާގެ ޓެރަރިސްޓު ޖަމާއަތެއް ކަމުގައިވާ ޕްލޮޓު ޖަމާއަތުގެ ބަޔަކާ އެކު މާލެ އަރާ ބަނޑޭރިގެޔަށް ހަމަލާ ކުރަމުން ގެންދިޔަ ވަގުތެވެ. ތަމަޅަ ބާޣީން ދިން ކުއްލި ހަމަލާގައި ސިހުން ލިބުނެއް ކަމަކު އިސާހިތަކު ބަނޑޭރިގެއިންވެސް ރައްދު ހަމަލާ ބަދަލު ކުރަން ފެށިއެވެ.
ދިވެހި ސިފައިންގެ މައިމަރުކަޒު ކަމަށްވާ ބަނޑޭރިގެޔަށް ތިން ދިމާއަކުން ބާޣީން ހަމަލާ ދެމުން ގެންދިޔައެވެ. ދިވެހި ސިފައިންވެސް އެއްވެސް ފަސްޖެހުމެއްނެތި ދުޝްމިނުންނާ ދެކޮޅަށް ރައްދު ޖަވާބުގައި ހަމަލާ ބަދަލު ކުރަމުން އެހަމަލާތައް ވަރުގަދަ ކުރަމުން ގެންދިޔައެވެ. އެއިރު ބަނޑޭރިގޭ މައި ގޭޓުގެ ފޯރިއަށް ތިބި ދެބޭކަލުންގެ ތެރެއިން އެއް ބޭކަލެއް ކަމުގައިވާ ޕްރައިވެޓް ޙުސައިން އާދަމު ވަނީ ހަނގުރާމައިގައި ޝަހީދުވެފައެވެ. ޒަމާންވީ މިނިވަން މިދައުލަތުގެ ދިފާޢަށްޓަކައި ހަނގުރާމައިގެ މައިދާނުގައި ހަނގުރާމަކޮށް މަތިވެރިވެގެންވާ ޝަހީދެއްގެ ދަރަޖަ އޭނާ ހޯއްދެވިއެވެ.
ބަނޑޭރިގެޔަށް ތަމަޅައިންގެ އެކި ގުރޫޕުތަކުން ހަމަލާ ދެމުން ގެންދިޔައިރު، ސަގަރު ނާސިރާއި ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ދިޔައީ ރަށުތެރޭގެ އެކި ސަރަހައްދުތަކުގައި ތަމަޅައިންގެ ގުރޫޕުތަކަކާއިއެކު ހަރަކާތްތެރިވަމުންނެވެ. އެގޮތުން އޭރުގެ ޑިފެންސް މިނިސްޓަރުގެ ނާއިބު އޮނޮރަބަލް އިލްޔާސް އިބްރާހިމް ދިރިއުޅުއްވާ ގެއަށް ތަމަޅައިންގެ ބަޔަކާއެކު ގޮސް، އެގެ ދައްކައި ލުޠުފީ ދިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނޮރަބަލް އަލްއުސްތާޛު ޢަބްދުﷲ ހަމީދު ދިރިއުޅުއްވާ ގޭދޮށަށެވެ. ޑިފެންސް މިނިސްޓަރު ނާއިބު އަތުލެއްވުމަށް ކުރި މަސައްކަތް ﷲގެ ރަޙުމަތާއިއެކު ވަނީ ނާކާމިޔާބުވެފައެވެ. އިލްޔާސް ހޯއްދެވުމަށް އެ އުޅުމުގެ ތެރޭގައި އެއިރުގެ ސިފައިންގެ ބޭކަލެއް ކަމުގައިވާ ކުޑަނެވި ތުއްތުމަނިކު ޝަހީދުކޮށްލިއެވެ.
ލުޠުފީ ތަމަޅައިންގެ މީހަކާއެކުގޮސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނޮރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ދިރިއުޅުއްވާ ގެޔަށް ވަދެގަނެ، އެގޭގެ އެތަން މިތަނަށް ބަޑިޖަހާ އެގޭގެ މީހުން ހޯދަމުން ގެންދިޔައެވެ. އޭރު ޢަބްދުﷲ ހަމީދުގެ އާއިލާ ތިއްބެވީވެސް ހަމަ އެގޭގައެވެ. އެހެންނަމަވެސް ﷲގެ ރަޙުމަތާއިއެކު ލުޠުފީގެ އެނުބައި އަމަލުން އެއާއިލާވެސް ސަލާމަތް ކުރެއްވިއެވެ.
އިރަކަށްފަހު އިރެއް ދިވެހި ސިފައިން އައީ ހަމަލާ ވަރުގަދަ ކުރަމުންނެވެ. މިހެންވުމުގެ ސަބަބުން ދެން ތަމަޅައިންގެ މީހުން ގަސްތުކުރީ، އެމީހުންގެ ނިވާފަތްގަނޑަކަށް ދިވެހީން ބޭނުންކުރަންށެވެ. އެއީ ދިވެހި ސިފައިންގެ ހަމަލާތައް ހުއްޓުވުމުގެ ގޮތުންނެވެ. މިގޮތުން މާލޭ ފަޅުގައިވާ އޮޑިފަހަރުތަކަށް އަރައިގެން ދިވެހީން ރަހީނު ކޮށްގެން ގެނެސް ޖަމާކުރިއެވެ. އަދި އެ ރަހީނުންގެ ކޮނޑުގައި ބަޑި ބަހައްޓައިގެން ބަނޑޭރިގެޔަށް ހަމަލާ ދެމުން ދިޔައެވެ. ތަކުރާރުކޮށް މަސައްކަތް ކޮށްގެންވެސް ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަނޑޭރިގެ ފޫއަޅުވާނުލެވުމުގެ ސަބަބުންނާއި، އެމީހުންގެ ކޮމާންޑަރ ވަސަންތީ މަރުވެ ދިޔުމުގެ ސަބަބުން މި ހަނގުރާމަ ކާމިޔާބު ނުވާނެކަން އެދުވަހުގެ މެންދުރުވީއިރު ބާޣީންނަށް ވަނީ ޔަގީން ކުރެވިފައެވެ.
މިހެންވުމުގެ ސަބަބުން މެންދުރު އެގާރަ ޖެހިއިރު، ބާޣީންގެ މީހުން ފިލައިގެން ދިޔުމުގެ މަޝްވަރާތައް ފަށައި މާލޭ ބަނދަރުގައި އޮތް ޕްރޮގްރެސް ލައިޓޭ ކިޔުނު އާގުބޯޓެއް އަތުލައިގަތެވެ. އަދި ފިލައިގެން ދިޔުމަށް މަގުފަހި ކުރުމަށްޓަކައި ސަރުކާރުގެ ބައެއް އިސްވެރީން ރަހީނުންގެ ގޮތުގައި އަތުލައިގަތުމަށް ލުތުފީ ގަސްތުކޮށް ސަގަރު ނާސިރު އެބޭބޭފުޅުން ރަހީނު ކުރުމަށްވެސް ފޮނުވިއެވެ. މިގޮތުން އަތުލައި ގަންނަން އުޅުނު 6 ބޭފުޅުންގެ ތެރެއިން ބޯޓަށް ގެނެވުނީ، އޮނޮރަބަލް އަލްފާޟިލު އަހުމަދު މުޖުތަބާއާއި އަލްފާޟިލު އިސްމާއިލް ނަސީރެވެ. މީގެ އިތުރަށް ރަހީނު ކުރެވިފައި ތިބި އެހެނިހެން އެންމެހައި ދިވެހީންވެސް ބޯޓަށް ގެނެވުނެވެ.
ހަމަލާގައި ނާކާމިޔާބުވެގެން ބަލިވެގެން ފިލައިގެން ދާން މާލެއިން ބޯޓަށް އެރުވި އެތަކެއް ރަހީނުންތަކަކާއެކު ސަގަރު ނާސިރާ ހާޖަރާގޭ ޢަބްދުﷲ ލުތުފީއާ ތަމަޅައިންގެ މީހުން ރާއްޖެ ދޫކޮށް ޕްރޮގްރެސް ލައިޓުގައި ފުރީ އެރޭ ދަންވަރުގެ ވަގުތެއްގައެވެ. ރަހީނުކުރި ދިވެހިންނާއެކު ޕްރޮގްރެސް ލައިޓު ދަތުރުކުރަމުން ދިޔައީ ސްރީލަންކާއަށެވެ.
ދިވެހި ސަރުކާރުގެ އެދިލެއްވުމަކަށް އިންޑިޔާ ސިފައިންގެ އެހީތެރިކަން އިންޑިޔާއިން ފޯރުކޮށްދެއްވިއެވެ. މިގޮތުން އިންޑިޔާގެ ޢަސްކަރީ މަނަވަރެއް ބޯޓު ފަހަތުން ދަތުރުކޮށްފައި ގޮސް ބޯޓަށް ހަމަލާ ދިނެވެ. މަނަވަރު ދައްކާލުމާއެކު ރަހީނުކޮށްފައިތިބި ދިވެހިން ނެރެ ލައިފް ޖެކެޓު އެޅުވުމަށްފަހުގައި ބޯޓުގައި ބޭތިއްބިއެވެ. އަދި މަނަވަރު ބޯޓާ ގާތްކުރަމުން ދިޔަ ވަރަކަށް ރަހީނުން މަރާ ކަނޑަށް ވައްޓަންވެސް ގެންދިޔައެވެ. އެހެންނަމަވެސް ސިލޯނުގެ ސިޔާސީ ކަނޑުގެ ސަރަހައްދާ ބޯޓު ގާތްވަމުންދާތީ މަނަވަރަށް މަޖުބޫރުވީ ހަމަލާ ވަރުގަދަކޮށް އެ ބޯޓު ހުއްޓުވުމަށެވެ. މިގޮތުން މަނަވަރުން ދިން ހަމަލާ ވަރުގަދަ ކުރުމުގެ ސަބަބުން ބާޣީން އަމާން ދިނެވެ.
19 ދިވެއްސަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލި ހާދިސާއަކީ، މިފަހުގެ ތާރީޚުގައި ދިވެހި އެއްވެސް ޖީލެއްގެ ބަޔަކު ދެކެފައި ނުވާފަދަ ނުރައްކާތެރި ހާދިސާއެކެވެ. ނުބައި ޣަދަރުވެރި ދެ ދިވެއްސެއްގެ ރޭވުމެކެވެ. ސުލްޙަވެރި އަމާން މާހައުލެއް ގަޑުބަޑުކޮށް އެތައް ދަރީންނެއް ޔަތީމުކޮށް އަނބީންނެއް ހުވަފަތްވެ ދިޔަ މި ހިތާމަވެރި ހާދިސާއަކީ، އެކަން ލޮލުން ދެކެ އަތުން ހިފި އެއްވެސް މީހެއްގެ ހިތުން ދުވަހަކުވެސް ފޮހެވޭނެ ހަނދާންތަކެއް ނޫނެވެ.