ޚަބަރު

އޮކްޓޫބަރު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %10.2 އިތުރު


  • 190،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައި

  • އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިން

ހުސްވި އޮކްޓޫބަރު މަހު ރާއްޖެއަށް 190،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ އޮކްޓޫބަރުމަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ %10.2 އިތުރުވެފައެވެ.

މިއަހަރުގެ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 190،445 ފަތުރުވެރިންނެވެ. މިދިޔަ އަހަރު ރާއްޖެ އައީ 172،621 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1.8 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %9.8 އިތުރު އަދަދެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ 5 ޤައުމު:

• ޗައިނާ: 295،537 ފަތުރުވެރިން
• ރަޝިއާ: 223،857 ފަތުރުވެރިން
• އިނގިރޭސިވިލާތް: 159،615 ފަތުރުވެރިން
• ޖަރުމަނުވިލާތް: 132،394 ފަތުރުވެރިން
• އިޓަލީވިލާތް: 119،261 ފަތުރުވެރިން

އަހަރުގެ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ ރާއްޖެ އައި ފަތުރުވެރިންގެ %73.8 އެވެ. 2 ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ %21.4 އެވެ.

ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މިވަގުތު ރާއްޖޭގައި 1286 ތަނެއް ވަނީ ހުޅުވާފައެވެ. މި ހުރިހައި ތަނެއްގެ ބެޑް ކެޕޭސިޓީ 64،994 އަށް އަރައެވެ.