އެފްރިކާގެ ޤައުމުތަކަށް ނިސްބަތްވާ 1،400އަށްވުރެ ގިނަ މީހުން ޔޫކްރެއިންއާ ހަނގުރާމަ ކުރުމުގައި ރަޝިޔާގެ ސިފައިންނާ ބައިވެރިވާ ކަމަށް ޔޫކްރެއިނުން ތުހުމަތުކޮށްފިއެވެ.
ޔޫކްރެއިންގެ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި ރަޝިޔާގެ ލަޝްކަރު ބޮޑު ކުރުމަށް އެ ޤައުމުން ދަނީ އެ ޤައުމުގެ ފައުޖުގައި އެކި ޤައުމުތަކަށް ނިސްބަތްވާ ކުލީ ސިފައިން ބައިވެރިކުރަމުންނެވެ. އެ ގޮތަށް ހަނގުރާމަވެރިން ހޯދުމުގައި ބައެއް ފަހަރު މަކަރާއި ހީލަތް ބޭނުން ކުރާ ކަމަށް ވެސް ޔޫކްރެެއިނުން ބުނެއެވެ.
ޔޫކްރެއިންގެ ޚާރިޖީ ވަޒީރު. އަންދްރީ ސިބިޚާ ވިދާޅުވީ އެކި ހުށަހެޅުންތައް ހުށަހަޅައި ރަޝިޔާއިން އެފްރިކާއަށް ނިސްބަތްވާ މީހުން ރަޝިޔާގެ ފައުޖާ ގުޅުމަށް ހިތްވަރުދީ އެއްބަސްވުންތަކުގައި ސޮއި ކުރަމުންދާ ކަމަށެވެ. މި ގޮތަށް ވެވޭ އެއްބަސްވުންތަކަކީ އެ ފަދަ މީހުން އެ މީހުންގެ އަމިއްލަ ނަފްސު މަރަށް ހުށަހެޅުން ކަމަށް އޭނާ ވަނީ ސިފަ ކުރައްވައިފައެވެ. އެފްރިކާގެ ޤައުމުތަކުގެ ސަރުކާރުން އެ ޤައުމުތަކުގެ ރައްޔިތުންނަށް އެ ކަން އަންގައި ހޭލުންތެރިކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ރަޝިޔާގެ ފައުޖާ ގުޅޭ އެހެން ޤައުމުތަކުގެ ރައްޔިތުންގެ ނިމުން ހިތި ކަމަށާއި ރަޝިޔާއިން އެ މީހުން ބައިވެރިކުރަނީ ވަރަށް ވަރުގަދަ ކުރިމަތިލުންތަކުގައި އެންމެ ކުރީ ސަފުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ކުރިމަތިލުންތަކުގައި އެ މީހުން ވަރަށް އަވަހަށް މަރުވުން ވަރަށް ގާތް ކަމަށް ވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވިއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ދެކުނު އެފްރިކާއިން ބުނީ އެ ޤައުމުގެ 17 ރައްޔިތަކު ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގައި ބައިވެރިވެފައި ވަނީ ކިހިނެެތްތޯ ތަހުޤީޤު ކުރާނެ ކަމަށެވެ. އެ ޤައުމުން އެހެން ބުނެފައި ވަނީ އެ މީހުން ތިބި ޙާލަތުން ސަލާމަތްކޮށްދީ އަނބުރާ ޤައުމަށް ގެންގޮސްދިނުމަށް އެ މީހުން އެދުމާ ގުޅިގެންނެވެ.
ކެންޔާއިން ވެސް މިދިޔަ މަހުގެ ތެރޭގައި ބުނީ ރަޝިޔާގެ އަސްކަރީ ކޭމްޕުތަކުގައި އެ ޤައުމުގެ ރައްޔިތުންތަކެއް ހިފަހައްޓާފައިވާ ކަމަށެވެ. އެ މީހުންނަށް ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއަށް ވަދެވުނީ ނޭނގުމެއްގެ ތެރޭގައި ކަމަށް އެ ޤައުމުން ބުނެފައިވެއެވެ.
ސިބިޚާ ވިދާޅުވީ އެފްރިކާގެ 36 ޤައުމަކުން 1،436 މީހަކު ރަޝިޔާއަށް ހަނގުރާމަކޮށްދެމުންދާ ކަަމަށް ޔަޤީންކުރެވިފައިވާ ކަމަށާއި، ހަޤީޤީ ޢަދަދު އެއަށްވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. ހަނގުރާމައިގެ ތެރޭގައި ޔޫކްރެއިނުން ހައްޔަރުކޮށްފައިވާ ބޭރުގެ ކުލީ ސިފައިންގެ ތެރެއިން ގިނަ މީހުން ހިފާފައި ވަނީ އެ މީހުން ބައިވެރިވި ފުރަތަމަ މިޝަންގެ ތެރެއިން ކަމަށް ވެސް އެ ޤައުމުން ބުނެއެވެ. ރަޝިޔާއިން ކުލީ ސިފައިން ހޯދާ ޤައުމުތަކާ ގުޅޭ ތަފްޞީލީ މަޢުލޫމާތު ޔޫކްރެއިނުން ޙިއްޞާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.