ޚަބަރު

ބަދަލުގެނެވެންދެން ކޮމިޝަނުން ފޮނުވާ ޝީޓާއި އެއްގޮތަށް މުސާރަ ދިނުމަށް އަންގައިފި


  • 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އާދޭ

  • އައު ފްރޭމްވޯކް ތެރެއިން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކަށައަޅާފައިވޭ

ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލަށް މުވައްޒަފުންގެ މަޢުލޫމާތު ސީއެސްވިއުގައިން އަދާހަމަކުރެވެންދެން، މި މަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ކޮމިޝަނުން ފޮނުވާ ޝީޓުގައިވާ ގޮތަށް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކް" ގެ ދަށުން އެކުލަވާލާފައިވާ ޖޮބް މެޓްރިކްސްތަކުގެ ތެރެއިން 1 ނޮވެންބަރު 2025 އިން ފެށިގެން ޢަމަލުކުރަން ފަށާފައިވާ ޖޮބް މެޓްރިކްސްތަކަށް ބަދަލުވާ ސިވިލް ސަރވިސް މުވައްޒަފުން، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާފައިވާ "ދައުލަތުގެ ޕޭ ފްރޭމްވަރކަށް ހިޖުރަކުރުމުގެ އާންމު މިންގަނޑު" ގައިވާ ގޮތުގެމަތިން ޖޮބް މެޓްރިކްސްތަކަށް ބަދަލުކޮށް އެކަން އިދާރާތަކަށް އެންގުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުންދާކަމަށެވެ.

ޖޮބް މެޓްރިކްސްތަކަށް މުވައްޒަފުން ހިޖުރަކޮށްފައިވާގޮތާއި، އަލަށް ހަމަޖައްސާފައިވާ މަގާމުގެ އަސާސީ މުސާރައާއި މަގާމުގެ އެލަވަންސާއި ހާޒިރީ ޢިނާޔަތް ކަނޑައަޅާފައިވާގޮތް އަންގައިދޭ ތާވަލުތައް މި ނޮވެންބަރު 13 ވަނަ ދުވަހުގެ ނިޔަލަށް އިދާރާތަކަށް ފޮނުވޭނެކަމަށެވެ. އަދި ޖޮބް މެޓްރިކްސްތަކުގައި މަގާމުގެ ނަންތައް ކަނޑައަޅާފައިވަނީ އެއްހަމަ މިންގަނޑަކުން ކަމުގައިވީ ހިނދު، މުވައްޒަފުގެ މަގާމުގެ ނަމަށް އަންނަ ބަދަލުގެ ސަބަބުން ހިޖުރަކުރުމުގެ ބޭނުމަށް ޓަކައި ކުރިން ބޭނުންކުރަމުން ދިޔަ މަގާމުގެ ނަން ބޭނުންކުރުމަށް ފުރުސަތުދީފައިވާ މުވައްޒަފުންނާއި، އެފަދަ މުވައްޒަފުން މަގާމުގެ ނަމުގެ ގޮތުގައި ބޭނުންކުރާނެ ނަން ވެސް ކުރިން އިދާރާތަކާ ހިއްސާކޮށްފައިވާނެކަމަށެވެ.

ޖޮބް މެޓްރިކްސްތަކުގައި ރޭންކު ކަނޑައަޅާފައިނުވާ ސްޕެޝަލް މައިގްރޭޝަން އުސޫލުން ހިޖުރަކުރާގޮތަށް ކަނޑައަޅާފައިވާ މުވައްޒަފުންނާއި އެފަދަ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތައް ވެސް އިދާރާތަކަށް އެ ކޮމިޝަނުން ފޮނުވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އެހެންކަމުން ދައުލަތުގެ ޕޭ ފްރޭމްވޯކަށް ގެނައި ބަދަލަށް މުވައްޒަފުން ހިޖުރަކުރެވޭގޮތް ސީއެސްވިއުގައިން އަދާހަމަކުރެވެންދެން، މި މަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ކޮމިޝަނުން ފޮނުވާ ޝީޓުގައިވާ ގޮތަށް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ އަންގާފައެވެ. ކޮމިޝަނުން ފޮނުއްވާ ޝީޓުތަކުގައި އެއްވެސް މައްސަލައެއް ހުރިކަން ފާހަގަކުރެވިއްޖެ ނަމަ، އެ ކަން ވީހާވެސް އަވަހަކަށް ކޮމިޝަނުގެ ސަމާލުކަމަށްގެނެސް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެކަމެއް މުރާޖައާކޮށް އިސްލާހުކޮށްދެވޭނެކަމުގައި ވެސް ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ޢަމަލުކުރަން ފެށި ޕޭ ފްރޭމްވޯކުގެ ދަށުން 20،000 އަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އައު ފްރޭމްވޯކް ތެރެއިން 300 އަށްވުރެ ގިނަ ޖޮބް މެޓްރިކްސް އެކަށައަޅާފައިވެއެވެ.