ސޫރިޔާގައި ވެރިކަން ކުރާ ހަޔިއަތު ތަޙްރީރް އަލް-ޝާމް (އެޗްޓީއެސް)ގެ ސަރުކާރު ދަމަހައްޓައިދިނުމަށާއި، އެ ސަރުކާރުގެ ކާމިޔާބީ ކަށަވަރު ކޮށްދެއްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދެއްވާނެ ކަމުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މި ޔަގީން ކަން އަރުވާފައި ވަނީ، އެޗްޓީއެސުން ސޫރިޔާގައި ޤާއިމު ކޮށްފައިވާ އިންތިޤާލީ ސަރުކާރުގެ ރައީސް އަޙްމަދު އަލް-ޝަރާޢާ އެކު ވައިޓް ހައުސްގައި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެޗްޓީއެސަކީ ނިރުބަވެރި ޖަމާޢަތެކެވެ. ނިރުބަވެރި ޖަމާޢަތްތަކުގެ ލިސްޓުގައި އެމެރިކާއިން ވެސް ކުރިން ހިމަނާފައި އޮތް ގުރޫޕެކެވެ. އެ ޖަމާޢަތުން ސޫރިޔާގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދުގެ ވެރިކަން ވައްޓައިލާފައި ވަނީ 2024ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 8ވަނަ ދުވަހުއެވެ. ނިރުބަވެރި ޖަމާޢަތްތަކުގެ ގޮތުގައި އެމެރިކާއިން ކަނޑައަޅާފައިވާ ގުރޫޕުތަކުގެ ލިސްޓުން އެޗްޓީއެސް އުނިކޮށްފައި ވަނީ މި އަހަރުގެ މޭ މަހު، ޓްރަމްޕްގެ އަމުރަށެވެ. އެއަށް ފަހު، ޝަރާޢުގެ ސަރުކާރާ އެކު ގާތް ގުޅުންތަކެއް ބޭއްވެވުމަށް ޓްރަމްޕް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
ނިރުބަވެރި ޖަމާޢަތް، އަލް-ޤާޢިދާގެ ކޮމާންޑަރެއްގެ ގޮތުގައި ކުރިން ހަރަކާތްތެރިވި ޝަރާޢާ ވައިޓް ހައުސްގައި ބައްދަލު ކުރައްވައި ޓްރަމްޕް ވިދާޅުވީ ސޫރިޔާއަކީ ކާމިޔާބީއަކަށް ހެއްދެވުމަށް އޭނާ ފޫގަޅުއްވައިގެން ހުންނެވި ކަމުގައެވެ. ވަރަށް ފަހާ ޖެހެންދެން ޝަރާޢަކީ ވެސް ނިރުބަވެރިންގެ ލިސްޓުގައި އެމެރިކާއިން ހިމަނާފައި އޮތް މީހެކެވެ. ވޮޝިންގްޓަނަށް ކުރަމުންދާ ދަތުރުގައި ޝަރާޢުގެ މައިގަނޑު އަމާޒަކީ، ސޫރިޔާއާ ދެކޮޅަށް އެމެރިކާއިން އަޅާފައި އޮތް ފިޔަވަޅުތައް ދާއިމަށް އުވައިލުމަށް ޓްރަމްޕަށް ބާރު އެޅުމެވެ.
ޓްރަމްޕާއި ޝަރާޢުގެ ބައްދަލުވުމާ ގުޅުވައި އެމެރިކާގެ މާލީ ވުޒާރާއިން ވަނީ، ސޫރިޔާއާ ދެކޮޅަށް އަޅާފައި އޮތް ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތީ ގޮތުން މެދުކަނޑައިލުމުގެ އަމުރު އިތުރު 180 ދުވަހަށް ދަންމައިލުމަށް ނިންމާފައިވާ ކަން އިޢުލާނު ކޮށްފައެވެ. ނަމަވެސް، ދާއިމީ ގޮތެއްގައި އެ ފިޔަވަޅުތައް އުވައިލުމުގެ ބާރު ލިބިގެން ވަނީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް، ކޮންގްރެސަށެވެ.
ޝަރާޢަށް ވައިޓް ހައުސުން ޓްްރަމްޕް މަރުޙަބާ ވިދާޅުވެފައި ވަނީ ރަސްމީ ޢިއްޒަތާ އެކުގައެއް ނޫނެވެ. އޭނާ ވައިޓް ހައުސަށް ވަދެފައި ވަނީ މައި ދޮރާށިންނެއް ވެސް ނޫނެވެ. ނަމަވެސް، ޝަރާޢާ ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ އޭނާއަށް ތާޢުރީފު ކުރައްވާފައެވެ. "ސޫރިޔާއަކީ ކާމިޔާބީއަކަށް ހަދައިދިނުމަށް އަޅުގަނޑުމެންނަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދޭނަން،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާއާއި ގުޅުން ބަދަހި ކުރުމަށް ޝަރާޢުގެ ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ދިމިޝްޤުގައި އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ފައުޖެއް ޤާއިމުކޮށްފައި ބޭތިއްބުމަށް އޭނާގެ ސަރުކާރުން ދާދިފަހުން ރުހުންދީފައިވެއެވެ. އެމެރިކާ ސިފައިން ތިބޭނީ އަސްކަރީ ވައިގެ ބަނދަރެއްގައެވެ. ސިފައިންގެ އިތުރުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ވެސް ދިމިޝްޤަށް ފޮނުވާނެ ކަމަށް ބެލެވޭ ކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޓްރަމްޕްގެ މައިގަނޑު އަމާޒަކީ، ޝަރާޢުގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު ގުޅުން ޤާއިމު ކުރެއްވުމެވެ. އަދި، ދެ ފަރާތުގެ ދެމެދުގައި ސަލާމަތީ އެއްބަސްވުމެއް އެކުލަވައިލެއްވުމެވެ. މީގެ އިތުރުން، އައިއެސާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާއިން އެކުލަވައިލާފައިވާ ބައިނަލްއަޤްވާމީ ފައުޖުގައި ބައިވެރިވުމަކީ ޝަރާޢުގެ ސަރުކާރުން އެދޭ ކަމެކެވެ.
މޭ މަހުގެ ތެރޭގައި ޓްރަމްޕްގެ އަމުރަށް އެމެރިކާއިން ވަނީ ސޫރިޔާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވައިލާފައެވެ. އަދި، ޝަރާޢާ ދެކޮޅަށް އެކުވެރި ދައުލަތްތައް (އދ)ގެ ސަލާމަތީ މަޖިލީހުން އަޅާފައިވާ ފިޔަވަޅުތައް ވެސް ހުސްވި ހަފުތާގައި ވަނީ އުވައިލާފައެވެ. އެ ކަމާ ގުޅޭ ޤަރާރު އދގެ ސަލާމަ
ތީ މަޖިލީހަށް ހުށަހަޅާފައި ވަނީ އެމެރިކާއިންނެވެ.