ޚަބަރު

ކެމްބޯޑިޔާއާ އެކު ވެފައިވާ ޞުލްޙައިގެ އެއްބަސްވުމަށް އަމަލު ކުރުން ތައިލެންޑުން ހުއްޓައިލަނީ


ތައިލެންޑާއި ކެމްބޯޑިޔާއާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް ވެފައިވާ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް ނިންމާފައިވާ ކަން ތައިލެންޑުން ހާމަކޮށްފިއެވެ. ދެ ޤައުމުގެ ދެމެދުގައި ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ ހުސްވި އޮކްޓޫބަރު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްނަންގަވައިގެން އެކުލަވައިލެއްވި އެއްބަސްވުމެއްގެ ދަށުންނެވެ. ތައިލެންޑާއި ކެމްބޯޑިޔާގެ ވެރިން އެ އެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ޓްރަމްޕްގެ ހާޒިރުގައި، މެލޭޝިޔާގެ ވެރިރަށް ކުއަލަ ލުމްޕޫރުގައި ބޭއްވި ބައްދަލުވުމެއްގައެވެ.

އެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް ނިންމާފައިވާ ކަން އިޢުލާނު ކުރަމުން ތައިލެންޑުގެ ސަރުކާރުން ބުނީ، އެ ގޮތަށް އަމަލު ކުރަން ނިންމި ސަބަބު ވޮޝިންގްޓަނާ ހިއްސާ ކުރާނެ ކަމުގައެވެ. ތައިލެންޑުގެ ދިފާޢީ ވަޒީރު ނަޓަޕޯން ނާޕަނީތު ވިދާޅުވީ، އެ ޤައުމުގެ އަސްކަރިއްޔާގެ ބެލުމުގެ ދަށުގައި ތިބި ކެމްބޯޑިޔާގެ 18 މީހަކު މިނިވަން ކުރުމުގެ މަސައްކަތް ވެސް ބެންގްކޮކުގެ ސަރުކާރުން މަޑުޖައްސައިލާފައިވާ ކަމުގައެވެ. ނަމަވެސް، ދެ ޤައުމު ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް އަލުން ސިފައިންނާއި ހަތިޔާރު ފޮނުވުމަށް ނިންމާފައިވާ ކަން ނުވަތަ ނޫ
ން ކަން އޭނާ ސާފު ކޮށްދެއްވާފައެއް ނުވެއެވެ.

ކެމްބޯޑިޔާއާއި ތައިލެންޑާ ދެމެދު ޖުލައި މަހުގެ ތެރޭގައި ވަރުގަދަ ޙަމަލާތަކެއް ބަދަލު ކުރިއެވެ. ފަސް ދުވަހަށް ދެމިގެން ދިޔަ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލާފައި ވަނީ އެމެރިކާއިން އެ ކަމުގެ ތެރެއަށް ތަދައްޚުލުވުމާ ގުޅިގެންނެވެ. ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމަށް އަމަލު ކުރުން ހުއްޓައިލުމަށް ތައިލެންޑުން ނިންމާފައި މި ވަނީ، ނޮވެންބަރު މަހުގެ 10ވަނަ ދުވަހު ހިނގި ހާދިސާއެއްގައި، ބިމުގައި ވަޅުލާފައި އޮތް މައިނެއް (ގޮވާތަކެތިން ތައްޔާރު ކޮށްފައި ހުންނަ ހަތިޔާރެއް) ގޮވައި، ތައިލެންޑުގެ ހަތަރު ސިފައިން ޒަޚަމުވުމާ ގުޅިގެންނެވެ.

ތައިލެންޑުގެ އަސްކަރިއްޔާއިން ތުހުމަތު ކުރާ ގޮތުގައި، ކެމްބޯޑިޔާގެ ސިފައިން ސަރަޙައްދީ ރޮނގު ކައިރީގައި އިތުރު މައިންތަކެއް ވަޅުލާފައި ވަނީ ޙަަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެއްބަސްވުމަށް ފަހުއެވެ. ނަމަވެސް، ކެމްބޯޑިޔާގެ ދިފާޢީ ވުޒާރާއިން ވަނީ ބަޔާނެއް ނެރެ، އެ ތުހުމަތު ދޮގު ކޮށްފައެވެ. އަދި، ކުރިން މައިން ވަޅުލާފައިވާ ސަރަޙައްދުތަކުގައި ޕެޓްރޯލު ކުރުން ހުއްޓައިލުމަށް ތައިލެންޑުގެ އަސްކަރިއްޔާއަށް އިރުޝާދު ދީފައެވެ.

ދެ ފަރާތުގެ ދެމެދުގައި އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން، ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައިވާ ސިފައިންނާއި ހަތިޔާރު ދުރު ކުރަން ވެސް ޖެހެއެވެ. އަދި، ތައިލެން
ޑުގައި ހައްޔަރުގައި ތިބި ކެމްބޯޑިޔާގެ ރައްޔިތުން މިނިވަން ކުރަން ޖެހެއެވެ. ކެމްބޯޑިޔާގެ އަސްކަރިއްޔާއިން ބުނީ، އެއްބަސްވުން ދެމެހެއްޓުމަށް އެ ޤައުމުން ތައްޔާރަށް އޮތް ކަމުގައެވެ.

ޙަމަލާތައް ފެށުމުގައި ތައިލެންޑާއި ކެމްބޯޑިޔާއިން ވެސް ތުހުމަތު އަޅުވަނީ އަނެއް ޤައުމުގެ ކޮނޑުގައެވެ. ދެ ފަރާތުގެ ދެމެދުގައި ޖުލައި މަހު ބަދަލު ކޮށްފައިވާ ވަރުގަދަ ޙަމަލާތަކުގައި 48 މީހުން މަރުވިއެެވެ. އަދި، 300,000އެއްހާ މީހުންނަށް އަމިއްލަ ވަޒަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ހިޖުރަ ކުރަން މަޖުބޫރުވިއެވެ.