ޚަބަރު

ފުވައްމުލަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށް، މިރެއާ ހަމައަށް މައްސަލަ ހައްލުވާނެ: ހީނާ


  • ފުވައްމުލަކަށް ދަނީ ބޯފެން ފޯރުވައިދެމުން

  • ޕްލާންޓްގެ މައްސަލަ ޙައްލުކުުރުމުގެ މަސައްކަތް ދަނީ ކުރަމުން

ފުވައްމުލަކުގެ ފެނުގެ މައްސަލަ މުޅިން ހައްލުކޮށް، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުތެރޭގައި ކުރިއެކޭ އެއްގޮތަށް އަލުން ފެނުގެ ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ފުވައްމުލަކުގެ ފެން ޕްލާންޓުން އުފައްދާ ފެން، ތަޣައްޔަރުވުމުގެ މައްސަލައެއް ދިމާވެ ފެނުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

ފުވައްމުލައް ސިޓީގެ ވޯޓަރ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކޮށް އެ ސިޓީއަށް މިވަގުތު ބޭނުންވާ ފެން ފޯރުކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މި މައްސަލަ ކުރިމަތިވުމާއެކު ކަނޑާއި ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ބޯފެން ފޯރުކޮށްދިނުމާއި އަދި ބޭނުންވާ އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން މެދުވެރިކޮށް ފަށާފައިވާކަމަށެވެ. އެގޮތުން މިހާތަނަށް 5 ލީޓަރުގެ 500 ކޭސް ފެނާއި، 1.5 ލީޓަރުގެ 1300 ކޭސް ފެނާއި 500 މިލިލީޓަރުގެ 1000 ކޭސް ފެން ވައިގެ މަގުން ފުވައްމުލައް ސިޓީއަށް ގެންގޮސްފައިވާކަމަށެވެ.

މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދީފައިވާއިރު، އިތުރަށް ބޯފެން ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާއި ގުޅިގެން ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު ކަނޑައަޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން މުޅި ޕައިޕްލައިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކޮށް، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ހީނާ ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެން ދޫކުރަންފަށާނެކަމަށްވެސް ހީނާ ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.