ޚަބަރު

ޔަހޫދީ ވަޒަންވެރިންތަކެއް ފަލަސްޠީނުގެ ރައްޔިތުންނަށް ޙަަމަލާދީ މުދަލުގައި ހުޅުޖަހައިފި


މޫނު ނިވާކޮށްގެން ތިބި ޔަހޫދީ ވަޒަންވެރިންތަކެއް އަނެއްކާ ވެސް ފަލަސްޠީނުގެ ރައްޔިތުންނަށާއި މުދަލަށް ގެއްލުން ދީފިއެވެ.

އެނގިފައިވާ ގޮތުގައި ގިނަ ޢަދަދެއްްގެ ޔަހޫދީ ވަޒަންވެރިން ވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ބައިތު ލީދާއި ދީރު ޝަރަފްގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ބޮޑެތި ގަލާއި ލަޓިބުރި ބޭނުންކޮށް ޙަމަލާދީ، އެ މީހުންގެ ގެދޮރާއި ދަނޑުބިންތަކުގައި ހުޅުޖަހައިފައެވެ. އެ ޙަމަލާގައި ޒަޚަމްވި ހަތަރު މީހަކަށް ފަރުވާދީފައިވެއެވެ.

ފަލަސްޠީނުގެ ވަޒީރެއް ކަމަށްވާ މުއައްޔަދު ޝާބަން ވިދާޅުވީ ޖުނައިދީ ކިޔާ ކުންފުންޏެއްގެ ހަތަރު ޓްރަކެއްގައި ޔަހޫދީން ރޯކޮށްލާފައިވާ ކަމަށެވެ. އޭގެ އިތުރުން ދަނޑުހައްދާ ބައެއް ސަރަޙައްދުތަކާއި އެ ސަރަޙައްދުގަައި ދިރިއުޅޭ ބަދަވީންގެ ޖިފުޓިތަކާއި ފޭލިގެތަލުގައި ހުޅުަޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ 6ވަނަ ދުވަހު އދގެ އިންސާނީ ކަންކަމާ ގުޅޭ އިދާރާ، އޯސީއެޗްއޭއިން ބުނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެކަނި ވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ޔަހޫދީ ވަޒަންވެރިން 264 ޙަމަލާދީފައިވާ ކަމަށެވެ. މިއީ ޔަހޫދީ ވަޒަންވެރިން ދޭ މި ފަދަ ޙަމަލާތައް 2006ވަނަ އަހަރު އދން ބަލަހައްޓަން ފެށިފަހުން މަހެއްގެ މައްޗަށް ދީފައިވާ މި ފަދަ އެންމެ ގިނަ ޙަމަލާއެވެ. މި ފަދަ ޙަމަލާތައް ދޭ މީހުންނާ ދެކޮޅަށް ޔަހޫދީން ފިޔަވަޅު އަޅަނީ ވަރަށް މަދު ފަހަރަކުއެވެ.

ހުޅަނގު އައްސޭރީގައި 2.7 މިލިޔަން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެއެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ ސަރަޙައްދުތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ބައި މިލިޔަނެއްގާ ޔަހޫދީން ހުޅަނގު އައްސޭރީގައި ދިރިއުޅެއެވެ. ޔަހޫދީ ވަޒަންވެރިން ދިރިއުޅޭ މި ފަދަ ސަރަޙައްދުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ޤާއިމްކޮށްފައިވާ އަވަށްތަކެއް ކަމަށް އދއާއި ފަލަސްޠީނާއި ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކެއެވެ.