ޚަބަރު

ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އެހީތެރިވަނީ


  • ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއާއި އެމްއެންޔޫއާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައި

  • ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުނގެނުމުގެ ފުރުސަތު ފަހިވާނެ

ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ސަރުކާރުން އޮތީ އެހީތެރިވެދޭން ތައްޔާރަށްކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއާއި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއާއި ދެމެދު އިސްތިރާޖީ ފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިފަހުމުނާމާގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އިބްރާހިމް ވަހީދެވެ. ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމްއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު އިބްރާހިމް ވަހީދުވަނީ މި އެއްބަސްވުމަކީ ވަރަށް މުހިންމު އެއްބަސްވުމެއްކަމަށް ވިދާޅުވެ ރާއްޖޭގެ ނޫސްވެރިންނަށް މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަށް ގޮވާލައްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

"ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ރާއްޖޭގައި ގިނަ ނޫސްވެރިންގެ ލެކްވަނީ ފޮތުގައި ލިޔެފައި އޮތް އެއްޗެއް ދަސްކޮށްގެން މި ކުރަންޖެހޭ މަސައްކަތް. ރާއްޖޭގެ ނޫސްވެރިންގެ ގާތްގަނޑަކަށް %90 ކުދިންނަކީ މި ދާއިރާއަށް ހުރި ޝައުގެއްގެ ބޮޑުކަމުން ސްކޫލް ނިންމިގޮތަށް ނޫސްވެރިކަމަށް ވަދެ އެކަމުގެ ތެރެއިން ދަސްވި އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން. އެއީވެސް މުޅިއަކުން ގޯސްގޮތެއް ނޫން އެހެންނަމަވެސް އަޅުގަނޑު ހަމަ ރާއްޖޭގެ ނޫސްވެރިންނަށް އެއްޗެއް ދަންނަވާލާނަމަ ދަންނަވާނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވާށޭ. ތިބޭފުޅުންނަށް ދަސްވާ އެއްޗެހި ތަފާތުވާނެ. ތިބޭފުޅުންނަށް އިނގޭ މިންވަރު ތަފާތު ވާނެ. ތިބޭފުޅުން ކޯސް ނިންމާފައި ދެން ޖެހިގެން އަންނަ ދުވަހު ޕްރެކްޓިސްކުރާ އެއްޗާއި ލިޔާ އެއްޗާއި ތަފާތުވާނެ." ވަޒީރު ވިދާޅުވިއެވެ.


މި ހަފްލާގައި ވާހަކަދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ދެފަރާތުގެ މަސައްކަތްތަކަށް އައު ހަލުވިކަމެއް ލިބި ގައުމީ ތަރައްޤީއަށް ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެވޭނެކަމަށެވެ. ގައުމީ ޔުނިވަރސިޓީގެ އަސާސީ މަސްއޫލިއްޔަތަކީ ތައުލީމީ ގޮތުން ގައުމަށް ޚިދުމަތްކުރުންކަމަށާއި، މި މަސްއޫލިއްޔަތުގެ ދަށުން ވުޒާރާއާއެކުވެސް ކުރިއަށްދާނެކަމުގެ ފުރިހަމަ ޔަޤީންކަން ޝެހެނާޒް ދެއްވިއެވެ.

"މިއަދު ސޮއިކުރެވުނު މިފަހުމުނާމާގެ ދަށުން ޔުނިވަރސިޓީން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ތެރޭގައި ޒުވާނުން ބާރުވެރިކުރުވުމާއި ބެހޭ ވުޒާރާއިން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ޔުނިވަރސިޓީގެ ވަސީލަތްތައް ފޯރުކޮށްދިނުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމްތައް ތައްޔާރުކުރުމުގައި ފަންނީ އެހީތެރިކަން ދިނުމާއި، އޮން ދަ ޖޮބް ޓްރެއިނިން ސެޝަންތައް ހިންގުމާއި ޕްރޮގްރާމްތަކަށް ގާބިލް ފެސިލިޓޭޓަރުން ފޯރުކޮށްދިނުމަށް އެހީތެރިވެދިނުން ހިމެނޭ." ޝެހެނާޒް ވިދާޅުވިއެވެ.

މި ފަހުމުނާމާއާއެކު ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ޔުނިވަރސިޓީގެ ޕްރޮގްރާމްތަކަށް ބައިވެރިން ހޯދުމަށް އެހީތެރިވެދޭނެއެވެ. އަދި މީޑިއާއާއި ގުޅުންހުރި ޕްރޮގްރާމްތަކުގެ ފީގެ ވަކި ނިސްބަތެއް ދެއްކުމުގައި ބައިވެރިވާނެކަމަށް ގައުމީ ޔުނިވަރސިޓީން ވިދާޅުވިއެވެ. އެހެންކަމުން މި ފަހުމުނާމާއަކީ ޒުވާނުންނަށް ފަންނުވެރިކަމާއި މީޑިއާގެ ދާއިރާއިން އުނގެނުމުގެ ފުރިހަމަ ފުރުސަތުތަކެއް ފަހިކޮށްދޭނެ އެއްބަސްވުމެއްގެ ގޮތުގައި ގައުމީ ޔުނިވަރސިޓީން ވަނީ ފާހަގަކޮށްފައެވެ.