ޚަބަރު

ޢިރާޤުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރީ ބޮޑުވަޒީރު ސޫދާނީގެ އިއްތިޙާދުން


ޢިރާޤުގައި ނޮވެންބަރު 11ވަނަ ދުވަހު ބޭއްވި ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ކުރި ހޯދާފައި ވަނީ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީގެ ގުޅިފައިވާ އިއްތިޙާދުން ކަން ހާމަވެއްޖެއެވެ. ޢިރާޤުގެ އިންތިޚާބުތަކާ ބެހޭ ކޮމިޝަނުން ބުނީ، އިންތިޚާބުގައި އެންމެ ގިނަ ބަޔެއްގެ ވޯޓު ކާމިޔާބު ކޮށްފައި ވަނީ ސޫދާނީގެ އިއްތިޙާދުން ކަމުގައެވެ. އެ ކޮމިޝަނުން އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރުމުގެ ކުރިން ވެސް ސޫދާނީގެ އިއްތިޙާދުން ކުރި ހޯދާފައިވާ ކަމުގައި ބައެއް މީޑިޔާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އިންތިޚާބީ ކޮމިޝަނުން ބުނީ، ސޫދާނީގެ އިއްތިޙާދުގެ ފަރާތުން ވާދަކުރި ކެނޑިޑޭޓުންނަށް ޖުމުލަ 1.317 މިލިޔަން މީހުންގެ ވޯޓު ލިބިފައިވާ ކަމުގައެވެ. މި ނަތީޖާއާ އެކު، ޢިރާޤުގެ ބޮޑުވަޒީރު ކަމުގެ މަޤާމުގެ ދެވަނަ ދައުރެއް ސޫދާނީއަށް މި ވަނީ ކަށަވަރު ކުރެއްވިފައެވެ. ނަމަވެސް، ޢިރާޤުގެ ޒުވާން އުމުރު ފުރައިގެ ގިނަ އަދަދެއްގެ ބަޔަކު އިންތިޚާބުގައި ބައިވެރިވެފައި ނުވާ ކަން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަ ކުރިއެވެ. ސަބަބަކީ، މި އިންތިޚާބަކީ ޢިރާޤުގެ ތެލުގެ މުއްސަނދިކަން ބޮޑެތި ސިޔާސީ ޕާޓީތަ
ކުގެ މެދުގައި ބަހައިލުމަށް ބޭނުން ކުރަމުންދާ އުކުޅެއްގެ ގޮތުގައި ގިނަ އަދަދެއްގެ ޒުވާނުން ޤަބޫލު ކުރުމެވެ.

ސޫދާނީ ވަކާލާތު ކުރައްވާ ގޮތުގައި، އެ ޤައުމަށް ހަމަޖެހުން ގެނެސްދެވޭނެ ހަމައެކަނި ލީޑަރަކީ އޭނާއެވެ. އަދި، އެ ޤައުމަށް ކުރިއެރުމާއި ފާގަތިކަން ހޯދައިދެވޭނެ ހަމައެކަނި ބޭފުޅަކީ ވެސް އޭނާއެވެ. މީގެ އިތުރުން، ޢިރާޤުގައި ކުރިން ފެށިގެން ޤާއިމުވެފައިވާ ސިޔާސީ ޕާޓީތަކާ ފެޔަށް ޖެހިވަޑައި ގަންނަވާފައިވާނެ ކަމުގައި ވެސް އޭނާ ގެންދަވަނީ ވިދާޅުވަމުންނެވެ.

ޢިރާޤުގެ ޤާނޫނު ހަދާ މަޖިލީހުގައި 329 ދާއިރާއެއް ތަމްސީލު ކުރެވޭއިރު، އެއް ޕާޓީއަކުން ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބު ކުރުމަކީ ނާދިރު ކަމެކެވެ. އެހެންކަމުން، އިންތިޚާބުގައި ޕާޓީތަކުން ވާދަކޮށްފައި ވަނީ އިއްތިޙާދުތައް ހަދައިގެންނެވެ. އިންތިޚާބީ ކޮމިޝަނުން ބުނީ، ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ %56.11 މީހުން ވޯޓުލާފައިވާ ކަމުގައެވެ. "މިއީ ކާމިޔާބު އިންތިޚާބެއް ކަން، އަދި [ޢިރާޤުގައި ވެރިކަން ކުރާ] ސިޔާސީ ނިޒާމަށް ރައްޔިތުންގެ އިތުބާރު އޮތް ކަން ވޯޓުގައި ބައިވެރިވެފައިވާ މީހުންގެ އަދަދުން ސާފުވެގެން ގޮސްފި،" ސޫދާނީ ވިދާޅުވިއެވެ.