މުޖުތަމަޢުގެ ލާބައާއި މަންފާއާއި ޤައުމުގެ ކުރިއެރުމަށް އަންހެނުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް ދޭ "ރެހެންދި އެވޯޑް" 15 ފަރާތެއް ޙާސިލްކޮށްފިއެވެ. މިއަހަރުގެ އެވޯޑް ޙަފްލާގައި ވަނީ 2024 އަދި 2025ވަނަ އަހަރުގެ ރެހެންދި އެވޯޑް ދީފައެވެ.
ރެހެންދި އެވޯޑް ދިނުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ޙަފްލާ ޝަރަފުވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ. އަދި އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ދާއިރާގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިފަހަރުގެ އެވޯޑްގައި މައިގަނޑު 3 ކެޓަގަރީއަކުން ކުރިމަތިލުމަށް ހުޅުވާލިއެވެ. އެއީ ވަކިވަކި އަންހެނުންނާއި ޖަމްޢިއްޔާ ޖަމާއަތްތަކަށް އެވޯޑަށް ހުށައެޅޭ ކެޓަގަރީގެ އިތުރުން އިންސްޓިޓިއުޝަނަލް ޖެންޑަރ މެއިންސްޓްރީމިންގެ ދާއިރާތަކެވެ.
ރެހެންދި އެވޯޑް 2024އަށް 22 އަންހެނުން ކުރިމަތިލިއިރު، މި އެވޯޑް 5 މީހަކަށް ލިބިފަވެއެވެ. އަދި 2025 ވަނަ އަހަރު، 28 އަންހެނުން އެވޯޑަށް ކުރިމަތިލިއިރު، 10 ފަރާތެއް އެވޯޑަށް ހޮވިފަވެއެވެ.
• އާއިޝަތު ހުސައިން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޘުރައްޔާ އިބްރާޙިމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު އާދަމް ކޮއި - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އާމިނަތު ރީމާ ރަޝީދު - ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޑރ. ރުޚްޝާނާ އަޙްމަދު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަމީނާ އިބްރާޙީމް - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ސަފާތު އަޙްމަދު ޒާހިރު - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އައިޝަތު ވަހީދާ – އިޤްތިޞާދީގޮތުން ބާރުވެރިކުރުމުގެ ދާއިރާ
• އާމިނަތު ސޫޒަން – ލީޑަޝިޕް އަދި ގަވަނަންސްގެ ދާއިރާ
• ޒަހިއްޔާ މުޙައްމަދު – އާއްމުކޮށް އަންހެނުން ކޮށް ނޫޅޭ މަސައްކަތުގެ ދާއިރާ
• އަލްއުސްތާޛާ މަރްޔަމް އިނާޝާ – އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• މަރްޔަމް މުރުޝިދާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• އަސްމާ ޙަސަން - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ޢާއިޝަތު ޠާއިފާ - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
• ވިމެން އެންހޭންސްމަންޓް (އެންޖީއޯ) - އިޖުތިމާޢީގޮތުން ބާރުވެރިކުރުވުމުގެ ދާއިރާ
ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ރެހެންދި އެވޯޑް ލިބޭ ކޮންމެ ކަނބަލަކީވެސް ވަރަށް ހިތްވަރު ގަދަ، ޤާބިލު ކެރޭ ލާމަސީލު ނާމޫނާއެއް ދައްކަވާ ކަނބަލުންތަކެއްކަމަށެވެ.
މި އެވޯޑަކީ ހަމައެކަނި ކާމިޔާބީއެއް ފާހަގަކުރުން އެކަނި ނޫންކަމަށާއި، މިއީ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަނބަލުންނާއި ކަނބަލުންގެ ކުރިއެރުމަށް މަސައްކަތްކުރާ މުއައްސަސާތަކާ ޖަމްޢިއްޔާތަކުގެ އަގު ޤައުމީ ފެންވަރެއްގައި ކުލަގަދަކޮށް ފާހަގަކުރުމަށް ދެވޭ އެވޯޑެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ހަމައެކަނި ކާމިޔާބީއެއް ފާހަގަކުރުން އެކަންޏެއްނޫން. މިއީ އަންހެނުންގެ ކުރިއެރުމާއި ތަރައްޤީ ދައްކުވައިދޭ މަންސައެއް. އާއިލާ ބިނާކުރުމުން ފެށިގެން ޤައުމު އާރާސްތުކުރުމުގައި އަންހެނުން ކުރާ ބުރަ މަސައްކަތުގެ ރަމްޒެއް. މިރޭ މި ފާހަގަކުރަނީ ދިވެހި ދައުލަތަށާއި މުޖުތަމަޢުއަށް އެކިއެކި ދާއިރާއިން ޚިދުމަތްކޮށްދެއްވާފައިވާ ކަނބަލުންނާއި، ވަކިވަކި ފަރުދުންނާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އަގުނުކުރެވޭ މަސައްކަތް." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅުގައި އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އެގޮތުން އެކި ދާއިރާތަކުން ކުރިއަށްދެވޭނެ މަގު ކޮށައިދީ، އިޤްތިޞާދީގޮތުން ބާރުވެރި ބަޔަކަށް އަންހެނުން ހެދުމަށް ކުރާ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެހެންމެ އަންހެނުންނަކީ އިސް ސަފުގައި ހަރަކާތްތެރިވާ ބައެއްކަން ކަށަވަރުކޮށް، ޤައުމުގެ ކަންކަމުގައި ބަސްބުނުމުގެ ފުރުޞަތު އަންހެނުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ވަޒީރު ފާހަގަކުރެއްވިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ދެމުން އަންނަ މި އެވޯޑް ފުރަތަމަ ފަހަރަށް ދޭން ފެށީ 2014ވަނަ އަހަރުއެވެ.
ރެހެންދި އެވޯޑް ދިނުމުގެ މަޤުޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އަންހެނުން ކުރާ އަގުހުރި މަސައްކަތަކާއި އަންހެނުން ޙާސިލްކޮށްފަވާ ކާމިޔާބީތައް ފާހަގަކޮށް އަގު ވަޒަންކުރުމާއި ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުރުމަށް ހިތްވަރުދިނުމާއި އަންހެނުންގެ ޙިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ޙިއްސާ އިތުރުކުރުމުގެ އިތުރުން، އާ ދާއިރާތައް ތަޢާރަފުކޮށް، އެ ދާއިރާތަކަށް އަންހެނުން ނެރުމަށް ބާރުއެޅުމެވެ.