ހިޔާ ފްލެޓާއި ވިނަރެސް ހައުސިންގ މަޝްރޫޢުއާ ގުޅޭ މަސައްކަތްތަކަށް އާއްމު ރައްޔިތުން ބޭންކް އޮފް މޯލްޑިވްސްއިން ނަގާފައިވާ ލޯނުތަކަށް ލުއިދިނުމަށް އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި، ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނުތަކަށް ލުއި ގޮތްތަކެއް ހޯދުމަށް އެބޭންކާއެކު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ރައީސް އަންގަވާފަވަނީ، މި ލޯނިތަކުގެ އިންޓްރެކްސް ރޭޓުތައް ލުއި ކޮށްދިނުމަށެވެ.
އެގޮތުން ހިޔާ ފްލެޓްތަކުގެ ފިނިޝިންގ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ބީއެމްއެލްއަށް ވަނި ދަންނަވާފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން
— Dr Mohamed Muizzu (@MMuizzu) November 16, 2025
* ހިޔާ ފްލެޓްތައް ނިންމުމަށް ދޫކޮށްފައިވާ 535 ލޯނާއި،
* ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ 26 ލޯނަކީ،
ސޯޝަލް އަދި އެފޯޑަބަލް ހައުސިންގ މަޝްރޫޢު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް…
އަދި ވިނަރެސް ފްލެޓް ގަތުމަށް ދޫކޮށްފައިވާ ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %9 އިން %8 އަށް ކުޑަ ކުރުން، އެއީ ކުރެވިދާނެ ކަމެއް ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން މަޢުލޫމާތު ލިބިފައިވާތީ، އުސޫލުގެ ތެރެއިން މި ބަދަލު ގެނެސް ދެއްވުމަށްވެސް އަންގަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ވަނީ، އިޖުތިމާޢީ ބޯހިޔާވަހިކަމަށް ސަރުކާރުން ދޫކޮށްފައިވާ ފްލެޓާއި، ގޯތީގެ ކުލިތައްވެސް ކުޑަކުރެއްވުމަށް ނިންމަވާފައެވެ.
އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް އަތޮޅުތަކުގައި ހުރި ހައުސިންގ ޔުނިޓްތަކުގެ މަހު ކުލި ވަނީ، 3330 ރުފިޔާއަށް ކުޑަކުރައްވާފައެވެ. އަދި ހިޔާ ފްލެޓްތަކުން މަހުން މަހަށް ދައްކާ ކުލި 6300 އިން، 3984 ރުފިޔާއަށް ވަނީ ކުޑަކުރައްވާފައެވެ.
ވިނަރެސްގެ ޑައުންޕޭމަންޓާއި، ކުލިވެސް ރައީސް ކުޑަކޮށްދެއްވިއެވެ. އެގޮތުން ވިނަރެސް ސްކީމުން ދޫކުރި ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު %50 އަށް ކުޑަކޮށް، ކުލީގެ އަދަދު އެވަރެޖްކޮށް 4،200 ރުފިޔާ ކުޑަވާ ގޮތަށް ބަދަލުކޮށްދެއްވިއެވެ. މީގެއިތުރުން ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ހައުސިންގ ޔުނިޓުތަކުގެ ކުލިން %20 ކުޑަ ކޮށްދެއްވިއެވެ.