ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު، ބޯހިޔާވަހިކަން އެންމެންނަށް އިފްތިތާޙުކުރައްވައިފިއެވެ.
މި ސިޔާސަތު އިފްތިތާޙުކޮށްދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބްއެވެ. މި ސިޔާސަތު އެކުލަވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންފައިވާ ގޮތަށް ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ޙައްޤު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަށް މަގުފަހިވާނެގޮތަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު އިފްތިތާޙުކޮށް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ޢުސޫލުތައް ވަނީ އާއްމުކޮށްފައެވެ. އަދި ފްލެޓް ދޫކުރުމުގެ އުސޫލާއި އަދި ގޯތި ދޫކުރުމުގެ ސްކީމާއި އޭގެ އުސޫލުވެސް ވަނީ ޢާއްމުކޮށްފައެވެ. މައިގަނޑު 4 ކެޓަގަރީއަކަށް ބަހާލައިގެން މި ސްކީމްތަކުން ފުރުޞަތު ދިނުމަށް ވަނީ ކަނޑައަޅާފައެވެ.
ސަރުކާރުން އިޢުލާނުކުރައްވާފައިވަނީ މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމާއި ގޯތި ދޫކުރުމާއި ގުޅޭ ސްކީމެވެ. މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފްލެޓް ދޫކުރުމުގެ އުސޫލުގައި ހިމެނޭ 2 ކެޓަގަރީއަކީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާޅޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.
ފްލެޓް ދޫކުރާ ދެ މޮޑެލްއަކީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލް އަދި ރެންޓް-ޓު-އޯން މޮޑެލްއެވެ. ގޯތި ދޫކުރުމުގެ އުސޫލުގައިވެސް ހިމެނެނީ މާލެ ރަށްވެހިންގެ ކެޓަގަރީއާއި މާލޭގައި ދިރިއުޅޭ އެހެނިހެން ރަށްރަށުގެ ރަށްވެހިންގެ ކެޓަގަރީއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކީމުގެ ދަށުން ރަސްމާލެއިން 15000 ގޯތި ދޫކުރާނެކަން އިއުލާންކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި 7000 ފްލެޓްގެ އަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
ގޯއްޗާއި ފްލެޓް ދިނުމުގެ އަސާސީ ޝަތުރުތުތަކާއި ޕޮއިންޓް ދިނުމުގެ އުސޫލުވެސް ވަނީ އާއްމުކުރައްވާފައެވެ. މި އުސޫލުގައި މީގެކުރިން ނުހިމެނޭ މުހިންމު ބަދަލުތަކެއް އުސޫލުގެ ތެރޭގައި ވަނީ ހިމަނާފައެވެ.