ޚަބަރު

ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ހެއްކެއް: ރައީސް


  • ބައިނަލްއަޤްވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ވަނީ ނިންމާފައި

  • މި ސްޓޭޝަން ޤާއިމުކުރާނީ އައްޑޫ ސިޓީ ހިތަދޫގައި

  • މި މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެން

  • މި މަޝްރޫޢު ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް ބާރަކަށްވެގެންދާނެކަން ރައީސް ފާހަގަކުރެއްވި

ގޫގުލްއިން ރާއްޖޭގައި އިންވެސްޓްކުރަން ނިންމުމަކީ ބައިނަލްއަގުވާމީ މުޖުތަމަޢުގެ އިތުބާރު ރާއްޖެއަށް އޮތްކަމުގެ ހެއްކެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގޫގުލްއިން ރާއްޖޭގައި ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނެއް ގާއިމުކުރުމަށް ނިންމުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ގޫގުލްއިން ރާއްޖޭގައި އިންވެސްޓް ކުރުމަށް ނިންމުމަކީ ރާއްޖޭގައި ގާއިމުކުރެވިފައިވާ އިންވެސްޓަރުންނަށް ފަހި މާހައުލާއި ދެފުށް ފެންނަ ނިޒާމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އިތުބާރު އޮތް ކަމުގެ ސިގްނަލެއް ކަމަށެވެ. ގޫގުލްއިންް ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއަކީ ރާއްޖޭގެ އިގްތިސާދަކީ އެންމެންގެ ބައިވެރިވުންއޮތް، ޑިޖިޓަލްގޮތުން ބާރުވެރި އަދި ސިންދަފާތު ކުރެވިފައިވާ އިގްތިސާދަކަށް ހަދައި، ސަރަހައްދީ ޑިޖިޓަލް ހަބަކަށް ރާއްޖެ ހެދުމަށް އެމަނިކުފާނު ކުރައްވަމުންދާ މަސައްކަތަށް އެއްބާރުލުން ލިބިގެންދާނެ މަޝްރޫއެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ބައިނަލްއަގުވާމީ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމުގައި އަމަލީގޮތުން ބައިވެރިވުމަށް ރާއްޖެ މިހާރު އޮތީ ތައްޔާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.


"ދިވަރު"ގެ ނަމުގައި ގޫގުލްއިން ރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫގައި ބައިނަލްއަގުވާމީ ސަބްމެރިން ލޭންޑިން ސްޓޭޝަނަކާއެކު ނެޓްވަރކް ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ނިންމުމާ ގުޅިގެން ސަރުކާރުން ވަނީ ގޫގުލްއަށް މަރުހަބާ ވިދާޅުވެފައެވެ.

މި މަޝްރޫއަކީ މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ގޫގުލްގެ އިސްވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރިއަށްގެންދާ މަޝްރޫއެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީއާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް ކުރިއަށްގެންދެވޭ ތާރީޚީ މަޝްރޫއެއް ކަމަށެވެ. އަދި ހިތަދޫގައި ގާއިމުކުރާ ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއަކަށް ކަމަށާއި މީގެ ސަބަބުން އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕާ ގުޅުވައިދޭ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއަކަށް ރާއްޖެ ވެގެންދާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާމިންވަރު ހާމަވާނެ ކަމަށާއި ކްލައުޑް ސާވިސްއާއި ފިންޓެކާއި ޑިޖިޓަލް ކޮންޓެންޓާއި ޓެކްނޮލޮޖީ ސްޓާޓްއަޕްފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގިކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އިގްތިސާދީ ތަރައްގީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ގޫގުލްއިން ރާއްޖޭގައި މި މަޝްރޫއު ހިންގުމަށް ނިންމާފައިވަނީ އުރީދޫ އަދި ދިރާގާ ގުޅިގެންނެވެ.