ޚަބަރު

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ޓީމުގެ ފުރަތަމަ މެޗު ޕާކިސްތާނާއި ދެކޮޅަށް


  • ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައި

  • ތައިލޭންޑްގައި ބާއްވާ މި މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް

ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ގައި ދިވެހިރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުގެ ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.

ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން އިއްޔެ މި މުބާރާތުގެ ޝެޑިއުލް އާންމުކޮށްފައިވާއިރު ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ 16 ޖެނުއަރީގައި ބަނގްލަދޭޝް އާއި ދެކޮޅަށެވެ. މި މެޗަށްފަހު ދެން ރާއްޖޭގެ ފިރިހެން ޓީމު ނިކުންނާނީ 20 ޖެނުއަރީގައި އިންޑިއާ އާއި ދެކޮޅަށެވެ. އަދި 22 ގައި ނޭޕާލްއާއި ދެކޮޅަށް ކުޅެން ޖެހޭއިރު 24ގައި ރާއްޖެ ނިކުންނާނީ ބޫޓާން އާއި ދެކޮޅަށެވެ. ފަހު މެޗުގައި ނިކުންނާނީ 26 ޖެނުއަރީގައި އަވައްޓެރި ސްރީލަންކާ އާއި ދެކޮޅަށެވެ.

ތައިލޭންޑްގައި ބާއްވާ މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ދެކޮޅަށް ނިކުންނާނީ 14 ޖެނުއަރީގައެވެ. އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ޗެމްޕިއަންކަން ލިބޭ ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ 14-26 ޖެނުއަރީއަށް ބެންކޮކްގެ ނޮންތްބުރި ސްޓޭޑިއަމްގައެވެ.

ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން އެންމެ ފަހުން ބައިނަލްއަގްވާމީ މުބާރާތެއްގައި ވާދަކުރީ ސެޕްޓެމްބަރު 2025 ގައި މިޔަންމާގައި އޮތް އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައެވެ. އެ މުބާރާތުގައި ރާއްޖެއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.