ޤައުމީ ބޯޑީ ބޯޑިންގ ލީގުގެ ފަހު މުބާރާތް، ނޭޝަނަލް ބަނޑުފިލާ ޗެލެންޖު 2025 ކާމިޔާބުކޮށް މެންސް އޯފަން ކެޓަގަރީގެ ލީގު ޗެމްޕިއަންކަން އާމިން އުމަރު މޫސާ އަދި ޖޫނިއާަރ މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އިޔަން އަޙްމަދު ހޯދައިފިއެވެ.
އާމިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ، މިއަހަރު ބޭއްވި ތިން މުބާރާތުން 2000 ޕޮއިންޓް ހޯދައިގެންނެވެ. ޖޫނިއަރ މެންސް ކެޓަގަރީގެ ލީގު ޗެމްޕިއަންކަން އިޔަންއަށް ލިބުނީ، ތިން މުބާރާތުން އެއްކުރި 1،860 ޕޮއިންޓުންނެވެ.
ނޮވެމްބަރުގެ 18 އިން 22ގެ ނިޔަލަށް މާލެ ވަރުނުލާ ރާޅުގަނޑުގައި ކުރިޔަށް ގެންދިޔަ ނޭޝަނަލް ބަނޑުފިލާ ޗެލެންޖު 2025 ނިންމުމުގެ ރަސްމިއްޔާތު ރާޅުގަނޑު ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައެއް ވަނަތައް ހޯދި އެތުލީޓުންނާއި ޓްރޮފީ ޙަވާލުކޮށްދެއްވީ، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބުދުالله ރާފިޢުއެވެ.
27 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު މިއަހަރު ލީގު ނިންމާލީ، ބަނޑުފިލާ ޗެލެންޖުންނެވެ. މި މުބާރާތުގެ ޖޫނިއަރ މެންސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، އިޔަން އަހުމަދެވެ. މި ކެޓަގަރީގެ ދެވަނަ ހޯދީ، ކަނޑިތީމުން ބައިވެރިވި އެތުލީޓު ޢަބްދުالله އަޙަދުއެވެ. މިއީ، އޭނާ މި މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ.
މެންސް އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، ދެވަނަ ފަހަރަށް މި މުބާރާތުގައި ކުރީގެ ޗެމްޕިއަން ޢަލީ ހުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) ބަލިކުރުމަށްފަހު އަންނަ އަހަރުގެ ޤައުމީ ޓީމުން ޖާގަ ހޯދި އަޝްރަފް ޙަސަނެވެ.
ޑްރޮޕްނީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، ފައިނަލް ހީޓުގައި އާމިން އުމަރު މޫސާ ބަލިކޮށް ޢަލީ ހުޝްރުވާން އަޙުމަދެވެ. މި ކެޓަގަރީގެ ދެވަނަ އާމިން ހޯދިއިރު، ތިންވަނަ ހޯދީ، ފުވައްމުލައް ސިޓީގެ އެތުލީޓު މުޙައްމަދު އަޒާން އަޙުމަދެވެ.
މާސްޓަރސް ކެޓަގަރީގެ ޗެމްޕިއަންކަން ހޯދީ، އިބްރާހިމް ޝިމަންއެވެ. ދެވަނަ ހޯދީ، ޢަބުދުالله ޖަމީލެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ، އަޙުމަދު އަފްނާނެވެ.