ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ޕާކިންގ ބިލްޑިންތައް އެޅުމުގެ މަސައްކަތް ކޮންޓްރެކްޓަރުންނާ ޙަވާލުކުރާނެ ކަމަށް ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ހަފުތާ 104" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، ޕާކިންގ ބިލްޑިންތައް އަޅާ، މާލޭގެ ޕާކިންގއާއި ވެހިކަލް މައްސަލަ ޙައްލުކޮށްދިނުމަށް ޚާއްސަ އިސްކަމެއްދޭ ކަމަށެވެ. އަދި މި މަސައްކަތަކީ ވަރަށް ބޮޑެތި ބިންތަކެއް ބޭނުންވާ މަސައްކަތެއް ކަމަށާއި ބޮޑެތި ޚަރަދުތަކެއްވެސް ހިނގާ ކަމެއް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، މާލެ ސަރަޙައްދުގައި ޖުމްލަ 7500 އެއްހާ އުޅަނދު ޕާކު ކުރެވޭނެ ޖާގައިގެ ޕާކިންގ ބިލްޑިންގތަކެއް އެޅުމަށް ނިންމާފައެވެ. އަދި އެޗްޑީސީއާއެކު އެ މަސައްކަތަށް އެއްބަސްވުމެއްވެސް ޤާއިމުކުރިއެވެ. އެއީ، 15 އިމާރާތުގެ މަސައްކަތެވެ.
ޕާކިންގ ބިލްޑިންގެ މަސައްކަތާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިކަމުގެ ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.
"މިހާރު މިއޮތީ، މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާގައި. 1 މަސް ތެރޭ ކޮންޓްރެކްޓަރުންނާ ޙަވާލުކުރާނެ. އަދި 3-4 މަސް ތެރޭގައި ޢަމަލީ މަސައްކަތްތައް ފެށޭނެ." ވަޒީރު އަމީން ވިދާޅުވިއެވެ.
ޕާކިންގ ބިލްޑިންގެ ތެރޭގައި ވިޔަފާރި އުސޫލުން ދޫކުރާ ޕާކިންގ ސްލޮޓްތަކާއި، އާއްމު ޚިދުމަތްތަކަށް ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ޕާކިންގސްލޮޓްތައްވެސް ހިމެނޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ، މާލޭގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލައާއި ޤަވާއިދާ ޚިލާފަށް ވެހިކަލް ގެންގުޅޭ މައްސަލައަށްވެސް ޙައްލު ގެނައުމަށް ފުރުޞަތެއް ދީފައެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށް ވެހިކަލް ބެހެއްޓުމާއި، ނުބައި ނަންބަރު ޕްލޭޓް ބޭނުން ކުރުމާއި، ޒޯން ބަދަލު ކޮށްގެން ވެހިކަލް ގެންގުޅޭ މައްސަލައިގައި، ޤަވާއިދާ އެއްގޮތަށް ބަދަލު ކުރުމުގެ ފުރުޞަތު ދީފައިވެއެވެ.
މިއަހަރުގެ މާރޗުމަހުން ފެށިގެން ސަރުކާރުން ދީފައިވާ 1 އަހަރުގެ މުއްދަތު ހަމަވުމުން އެ އުޅަނދުތައްވެސް ޤާނޫނުގައިވާ ގޮތަށް ނައްތާލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިހާތަނަށް މި ދެ އަހަރުގެ ތެރޭގައި 704 އުޅަނދެއް ނައްތާލާފައިވެއެވެ.