ޚަބަރު

ޕާކިސްތާންގެ މަދަނީ ސިފައިންގެ މައި މަރުކަޒަށް ބޮމުގެ ޙަމަލާތަކެއް ދީފި


ޕާކިސްތާންގެ މަދަނީ ސިފައިންގެ މައި މަރުކަޒު ކައިރީގައި ދިން ބޮމުގެ ޙަމަލާތަކެއްގައި މިހާތަނަށް ތިން މީހުން މަރުވެފައިވާކަމަށް ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.

ޕާކިސްތާންގެ ޕެޝާވަރް ސަހަރުގައި ހުންނަ އެ މަރުކަޒުގެ ތެރެއަށް ބަޔަކު ގަދަކަމުން ވަދެފައިވަނީ ބަޑިން ޙަމަލާދިނުމަށްފަހުއެވެ. އަދި މަރުކަޒުގެ ތެރެއަށް ވަނުމާއެކު، އޭގެ ތެރެއިން ތިން މީހުން ވަނީ ބޮން ގޮއްވާލާފައިކަމަށް ޕާކިސްތާންގެ ފުލުހުން ބުންޏެވެ.

އެ ޙަމަލާގައި އިތުރު ފަސް މީހުން ޒަޚަމްވެ، ހަސްފަތާލުގައި ދަނީ ފަރުވާދެމުންނެވެ.

އެ ފައުޖުގެ ކޮމާންޑަރުގެ ނައިބު ޖާވިދު އިޤްބާލް ވިދާޅުވީ، އެ ޙަމަލާގައި މަރުވީ، މަދަނީ ސިފައިންގެ ތިން މީހުން ކަމަށެވެ.

މަރުކަޒުގެ ތެރޭގައި ޙަމަލާދިން މީހުންގެ ބަޔަކު އަދިވެސް ހަރަކާތްތެރިވަމުންދާކަމަށް ބެލެވޭތީ، މަރުކަޒު ވަށައިގެން ފުލުހުންނާއި ސިފައިން ގުޅިގެން ބަންދުކޮށް، ސަލާމަތީ ކަންކަން ބަލަހައްޓަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ޙަމަލާގެ ޒިންމާ އެއްވެސް ނިރުބަވެރި ޖަމާޢަތަކުން އަދި ނަގާފައެއް ނުވެއެވެ.

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ސަރަޙައްދީ ރޮނގު ކައިރީގައި ޙަމަލާތައް ބަދަލުކޮށް، ދެ ޤައުމުގެ މެދުގައި ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ނިރުބަވެރި ޖަމާޢަތްތަކުން ދެމުންދާ ޙަމަލާތައް ފާއިތުވި ދުވަސްތަކުގައި ވަނީ އިތުރުވެފައެވެ.

ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި، އަފްޣާނިސްތާންގައި ވެރިކަން ކުރާ ޠާލިބާން ސަރުކާރުން ދަނީ ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރި، ޕާކިސްތާނަށް ޙަމަލާދިނުމަށް ހިތްވަރުދެމުންނެވެ.

ނަމަވެސް، ޠާލިބާނުން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފައެވެ.