ޕާކިސްތާނުގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގެ ޚޫސްތު ޕްރޮވިންސަށް ދިން ޙާމަލާއެއްގަައި ނުވަ ކުޑަކުދިންނާއި އަންހެނަކު މަރުވެއްޖެއެވެ.
އަފްޣާނިސްތާނުގެ ޠާލިބާން ސަރުކާރުގެ ތަރުޖަމާނު، ޒަހީބުالله މުޖާހިދު ވިދާޅުވީ ޕާކިސްތާނުގެ ޙަމަލާ އަމާޒުކޮށްފައި ވަނީ ވިލާޔަތު ޚާން ކިޔާ ޢާންމުންގެ މީހެއްގެ ގެއަށް ކަމަށާއި ފަސް ކުޑަ ފިރިހެން ކުދިންނާއި 4 އަންހެން ކުދިންގެ އިތުރުން އަންހެނަކު އެ ޙަމަލާގައި މަރުވެފައިވާ ކަމަށެވެ. އެ ގެ އެއްކޮށް ސުންނާފަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ޤައުމުގެ ކުނާރާއި ޕަކްތިކާ ޕްރޮވިންސުގައި ވެސް ޕާކިސްތާނުން ރޭޑު ޖަހާފައިވާ ކަމަށާއި، އެ ހާދިޘާތަކުގައި ވެސް ޢާންމުންގެ ހަތަރު މީހުންނަށް ޒަޚަމްވެފައިވާ ކަމަށް މުޖާހިދު ވިދާޅުވިއެވެ.
ޕާކިސްތާނުން މި ފަދަ ރޭޑެއް ކުރިއަށް ގެންގޮސްފައި މި ވަނީ ޕާކިސްތާނުގެ ޕެޝާވަރުގައި މަދަނީ ސިފައިންގެ މައި މަރުކަޒު ކައިރީގައި ދިން ބޮމުގެ ދެ ޙަމަލާއެއްްގައި ތިން ސިފައިން މަރުވިތާ އެއް ދުވަސް ފަހުންނެވެ.
މިދިޔަ އޮކްޓޯބަރު ޕާކިސްތާނާއި އަފްޣާނިސްތާނުގެ އަސްކަރިއްޔާއާ ދެމެދު ވަނީ ޙަމަލާތައް ބަދަލުކޮށްފައެވެ. އެ ޙަމަލާތަކުގައި ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވެއެވެ. އެއީ 2021ވަނަ އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގެ ހިންގުމާ ޠާލިބާނުން ޙަވާލުވި ފަހުން ހިންގާފައިވާ އެންމެ ވަރުގަދަ ލޭއޮހޮރުވުންތަކެވެ. ޙަމަލާ ބަދަލުކުރުން ނިމުމަކަށް އައީ ހަމަ އެ މަހުގެ ތެރޭގައި ޤަޠަރުގެ ދައުޙާގައި ސޮއިކުރި ޙަމަލާ ބަދަލުކުރުން ހުއްޓައިލުމުގެ އެއްބަސްވުމަކާ އެކުގައެވެ.
ނަމަވެސް އެ އެއްބަސްވުމަށް ފަހު ތުރުކީވިލާތުގައި ކުރިއަށް ގެންދިޔަ ޞުލްޙައިގެ މަޝްވަރާތައް ވަނީ ދާއިމީ އެއްބަސްވުމަކާ ހަމައަށް ނާދެވި ނިމުމަކަށް އައިސްފައެވެ. އެއީ އަފްޣާނިސްތާނުގައި ތިބެ ޙަރަކާތްތެރިވާ ޕާކިސްތާނާ ދެކޮޅު ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްސަލައިގައެވެ. ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާންގައި ވެރިކަން ކުރާ ޠާލިބާން ސަރުކާރުން ދަނީ ނިރުބަވެރި ޖަމާޢަތްތަކަށް ވާގިވެރި، ޕާކިސްތާނަށް ޙަމަލާދިނުމަށް ހިތްވަރުދެމުންނެވެ. ނަމަވެސް ޠާލިބާނުން ދަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކުރަމުންނެވެ.