ޚަބަރު

2 ރަށެއްގެ ޞިއްޙީ ޢިމާރާތްތައް ތަރައްޤީކުރަން ހަވާލުކޮށްފި


  • ހއ.އަތޮޅު ހޮސްޕިޓަލުގައި ތަރައްޤީކުރާ ޢިމާރާތުގައި ޤާއިމުކުރަނީ ސީޓީއާއި މެމޮގްރަފީއާއި އެކްސްރޭގެ ޚިދުމަތް

  • ރ.ދުވާފަރު ސިއްޙީ މަރުކަޒުގައި ތަރައްޤީކުރާ ޢިމާރާތަކީ ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް ބޭނުންވާ ޢިމާރާތެއް

ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީއާއި މެމޮގްރަފީއާއި އެކްސްރޭގެ ޚިދުމަތް ފެށުމަށްޓަކައި ބޭނުންވާ ޢިމާރާތާއި ރ.ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑުކުރުމަށް އިތުރުކުރާ ޢިމާރާތުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފިއެވެ.

މިދެމަޝްރޫޢުގެ މަސައްކަތްވެސް ސިއްޙީ ވުޒާރާއިން ހަވާލުކޮށްފައިވަނީ 6 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ހއ.އަތޮޅު ހޮސްޕިޓަލުގައި ސީޓީއާއި މެމޮގްރަފީއާއި އެކްސްރޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ ޖާގައިތުރުކުރުމަށްޓަކައި ތަރައްޤީކުރާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 6 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 4.9 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫޢުގެ ދަށުން އެހޮސްޕިޓަލުގައި ސީޓީ ރޫމްއަކާއި އެކްސްރޭ ރޫމަކާއި، އަލްޓްރާސައުންޑް ސްކޭން ރޫމެއްގެ އިތުރުން ސްޕީޗް ތެރަޕީއަށް ޚާއްސަ ރޫމެއް ތަރައްޤީކުރަންޖެހެއެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙްމަދު ޤާސިމެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މާކެޓިން މެނޭޖަރ މުޙައްމަދު ޢިމާދެވެ.

ރ.ދުވާފަރު ސިއްޙީ މަރުކަޒު ހޮސްޕިޓަލް ފެންވަރަށް ތަރައްޤީކުރުމަށްޓަކައި ޢިމާރާތް އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. 6 މަސް ދުވަހުގެ ތެރޭގައި މިމަސައްކަތް ނިންމުމަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 25.5 މިލިއަން ރުފިޔާއަށެވެ.

މިމަޝްރޫޢުގެ ދަށުން އެޢިމާރާތުގައި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއަކާއި، އައިސީޔޫއާއި ނަރސް ސްޓޭޝަންއާއި، ޕްރޮސީޖަރ ރޫމެއްގެ އިތުރުން މެޑިކަލް އަދި ނޮން-މެޑިކަލް ސްޓޯރ ރޫމެއް ޤާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މި އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲ އެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކުރެއްވީ، ޖެނެރަލް މެނޭޖަރ ޙުސެއިން ތަސްމީންއެވެ.

ރަށްރަށުގެ ސިއްޙީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތް އަޕްގްރޭޑްކުރުމަށް އެތައް މަޝްރޫޢެއްގެ މަސައްކަތް އެކި މަރުޙަލާތަކުގައި އަންނަނީ ކުރަމުންނެވެ.