އެންމެން ބައިވެރިވާ މުޖްތަމަޢުއެއް ބިނާކުރުމުގެ މަގަށް މިއަދު ރާއްޖޭގެ މިސްރާބު ބިނާކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ އެޗްޑީސީން ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީ، އެކަމުގެ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވަނީ ޚާއްސަ އެހީ ބޭނުންވާ 30 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައެވެ. މި ހަފްލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މި ފަހިވެގެން ދިޔައީ އަމިއްލަ މަސައްކަތުން އާމްދަނީ ލިބޭނެ ފުރުޞަތު އެތައް ދިވެހިންނަކަށްކަމަށެވެ.
މި މުހިންމު އަމާޒަށް ދިވެހި ޤައުމަށް ވާސިލްވެވުނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަދުގެ ސަރުކާރުން ބައްލަވާ އިހްސާންތެރި ނަޒަރުގެ ސަބަބުންކަމަށް އެކަމަނާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދެއްވާފައި ވަނީ ވަރަށް ޚާއްސަ އިސްކަމެއްކަމަށާއި، މިއީ އެ މީހުންނަށް މުޅި ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލަކާއި ހިތްހަމަޖެހުމެއް ގެނެސްދޭނެކަމެއްގެ ގޮތުގައި އެކަމަނާ ވަނީ ސިފަކުރައްވާފައެވެ.
"ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް އެކި ކަހަލަ ޞިއްޙީ މައްސަލަތަކުގައި އެކި މީހުން ތިބޭ. އެއީ ގުދުރަތުން އެކަން ލައްވާފައިވާ ގޮތް. ސަރުކާރުތަކުގެ ވާޖިބަކީ އެފަދަ ހާލަތްތަކަށް ރިއާޔަތްކުރުން. މައްސަލަތަކަށް ހައްލު ހޯދައިދިނުން. އެންމެން ބައިވެރިވާ މުޖްތަމައެއް ބިނާކުރުން. އެކަކުވެސް ބާކީ ނުކުރުން. އެގޮތުން މިއަދު އަޅުގަނޑުމެން މިދެކެނީ ރާއްޖޭގެ މިސްރާބު އެމަގަށް މިސްރާބު ކުރެވިފައިވާތަން." ރައީސްގެ އަނބިކަނބަލުން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ވަޒީފާ ލިބިގެންދިޔަ ފަރާތްތަކުގެ ތެރޭގައި އެކި ބާވަތުގެ ތައުލީމު ލިބިފައިވާ އެކި ހުނަރަށް އަހުލުވެރިވެފައިވާ އެތައް މީހުންނެއް ތިބިކަން ވަނީ ފާހަގަކުރައްވާފައެވެ.
އެޗްޑީސީގެ މުވައްޒަފުންނަށް ހުރިހައި މުއާމަލާތަކުންވެސް އަލަށް ވަޒީފާއަށް ހޮވުނު ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އުފާވެރިކަމާއި އުންމީދާއި ހިތްވަރު ހޯދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ގޮވާލައްވާފައެވެ.