ޚަބަރު

ލ.ގަމުގެ އިންޖީނުގޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް، ނިއްވުމުގެ މަސައަކަތް ކުރަނީ


ލ.ގަމުގެ ފެނަކައިގެ އިންޖީނުގޭގައި އަލިފާނުގެ ޙާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ އިންޖީނުގޭގެ %80 އަށް ގެއްލުންވެފައިވާކަމަށާއި، އަލިފާން ރޯވީ އިންޖީނު ރޫމުގައިކަމަށެވެ. އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނު މުޅިން ބޭނުން ނުކުރެވޭވަރަށް އަނދާ ގެއްލުންވެފައިވާކަމަށް ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެތެރޭގައި ފުނަދޫ ނުހިމެނެއެވެ. ގަމު ފެނަކަ ބްރާންޗުން ވިދާޅުވީ ކަރަންޓު ދޭން ދެ ދުވަހުގެ މުއްދަތެއް ނަގާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ފުލުނުން ވިދާޅުވީ މިއަދު 14:50 ހާއިރު މިހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއިއެކު ސިފައިންނާއި ފުލުހުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަލިފާން ނިއްވުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކައްދޫ ފަޔަރ ސްޓޭޝަނުން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ގަމުގެ ކަރަންޓު ކެޕޭސިޓީއަކީ 5 މެގަވޮޓެވެ.