ޚަބަރު

މިރޭ 12:00ގެ ކުރިން ލ.ގަމަށް ކަރަންޓު ފޯރުކޮށްދިނުމަށް ދަނީ މަސައްކަތްކުރަމުން: ފެނަކަ


  • ގަމުން ކަރަންޓު ކެނޑިފައިވަނީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު

  • އިންޖީނުތަކަކަށް ބޮޑެތި ގެއްލުންތަކެއް ނުލިބޭކަމަށް ވިދާޅުވި

އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ކަރަންޓު ކެނޑިފައިވާ ލ.ގަމަށް މިރޭ 12:00 ޖެހުމުގެ ކުރިން ކަރަންޓު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންދާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ.

ލ.ގަމު އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާގައި ގަމުގެ 3 ސަރަޙައްދަކުން ކަރަންޓު ވަނީ ކެނޑިފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙް ވިދާޅުވީ، ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށްޓަކައި ލ.އަތޮޅުގައި މަސައްކަތްކުރާ ފެނަކައިގެ ޓީމަކާއި އެމްއެންޑީއެފްގެ ޓެކްނިކަލް ޓީމަކުން މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މިވަގުތުގެ ޙާލަތަށް ބަލާއިރު ފެނަކައިން މަސައްކަތްކުރަމުންދަނީ މައްސަލަތައް ހައްލުކޮށް މިރޭ 12:00 ގެ ކުރިން ގަމުގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްކަމަށް ނަޖާޙް ވިދާޅުވިއެވެ.

ނަޖާޙް ވިދާޅުވީ ގަމުގައި ހިނގި އަލިފާނުގެ ހާދިސާގައި ބޮޑު ގެއްލުމެއް ޖަނެރޭޓަރުތަކަށް ލިބިފައިނުވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިންޖީނުގެ ހިޔާކުރުމުގެ މަސައްކަތްތައްކަމަށްވެސް ނަޖާޙް ވިދާޅުވިއެވެ.

ނަޖާހު ވިދާޅުވީ ގަމުގައި ކުރިއަށްދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފެނަކަ ޓީމެއް މިހާރު ގަމަށް ފުރާފައިވާކަމަށެވެ. އެރަށަށް ފެނަކައިން ދެމުންދާ ފެނުގެ ޚިދުމަތާއި ނަރުދަމާގެވެސް އިތުރު މައްސަލައެއް ނެތްކަމަށް ނަޖާޙް ވިދާޅުވިއެވެ.

ގަމުގެ އިންޖީނުގޭގައި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 2:50 ހާއިރުއެވެ. އަދި 3:50 ހާއިރު ވަނީ އަލިފާން ނިއްވާލާފައެވެ.